ސަރުކާރުން ޓެކްސީގެ ހިދުމަތް ނުފެށުމަށް އަނެއްކާވެސް ގޮވާލައިފި
އަވަސް
23 ނޮވެމްބަރު 2025 | އާދިއްތަ | 2:35
ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންގެ ހިދުމަތް ހުއްޓާލުމަށް ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުން އަނެއްކާވެސް ސަރުކާރަށް ގޮވާލައިފި އެވެ.
ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނަށް ފޮނުވި ސިޓީއެއްގައި ބުނީ ސަރުކާރުގެ ޓެކްސީ ލައިނެއްގެ ހިދުމަތް ފަށަން މަސައްކަތް ކުރާއިރު އެކަން ކުރަނީ ދެފުށް ފެންނަ ގޮތަކަށް ކަމަށް ނުވާތީ އެކަން ވަގުތުން ހުއްޓާލަންޖެހޭ ކަމަށެވެ. ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ތައްޔާރުވާއިރު ޓެކްސީގެ ހިދުމަތް މިވަގުތު ފޯރުކޮށްދޭ އަމިއްލަ ސެންޓަރުތަކާއި އެޕްތައް ހިންގާ ފަރާތްތަކާއި ޓެކްސީ ޑްރައިވަރުންނާއި އާންމުންގެ ހިޔާލު ހޯދަންޖެހޭ މިންވަރަށް ހޯދާފައި ނުވާ ކަމަށްވެސް ސިޓީގައި ތުހުމަތުކޮށްފައިވެ އެވެ. "[ސަރުކާރުން ފަށާ] ޓެކްސީ ފްލީޓުގެ ސަބަބުން މާލެ ސަރަހައްދުގައި މަސައްކަތް ކުރާ އެތައް ހާސް ޓެކްސީ ޑްރައިވަރުންގެ ދިރިއުޅުމަށް ސީދާ ގޮތުން އަސަރުކޮށް އަދި ދިވެހި މާލިއްޔާއަށް އިއާދަކުރަން ދަތި މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިދޭނެ،" ސިޓީގައިވެ އެވެ. ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުން ދެކޭ ގޮތުގައި ސަރުކާރުން ޓެކްސީގެ ހިދުމަތް ދޭން ފަށައިފިނަމަ ފުރަތަމަ އަހަރުވެސް މުސާރައާއި މެއިންޓެނަންސަށް 150-200 މިލިއަން ރުފިޔާ ހަރަދު ކުރަންޖެހޭނެ އެވެ. ރާއްޖޭގައި މިވަގުތުވެސް 3،000 އެއްހާ ޑްރައިވަރުން ޓެކްސީގެ ހިދުމަތް ދޭއިރު ސަރުކާރުން ޓެކްސީ ލައިނެއް ފެށުމުގެ ކުރިން ފީސިބިލިޓީ ސްޓަޑީ އާއި މާކެޓް އެސެސްމެންޓެއް ހަދާފައި ނުވާ ކަމަށްވެސް ބުންޏެވެ. އެގޮތަށް ސަރުކާރުން އަމަލުކުރަނީ ޓެކްސީ ޑްރައިވަރުންނާއި އެ މީހުންގެ އާއިލާތަކަށް ލިބިދާނެ އަނިޔާއަކަށް ސަރުކާރުން އެއްވެސް ވަރަކަށް ނުވިސްނާތީ ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ. ސިޓީގައި ބުނެފައިވަނީ ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައިވެސް ސަރުކާރުން ޓެކްސީގެ ހިދުމަތް ދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި ނަމަވެސް އެއީ ސަރުކާރަކުން ކުރެވޭނެ ކަމަކަށް ނުވާތީ ފަހުން އެފަދަ ހިދުމަތްތައް ވަކި ހިސާބަކުން ހުއްޓާލާފައިވާ ކަމަށެވެ. އެކަމަކު އެފަދަ ކަންކަމަށްވެސް ބެލުމެއް ނެތި ސަރުކާރުން ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށްޓަކައި މުވައްޒަފުން ހޯދާތީ ސިޓީގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ސަރުކާރުން މިހާރު ތައްޔާރުވަމުންދަނީ އެންމެ ލަސްވެގެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޓެކްސީގެ ހިދުމަތް ފެށުމަށެވެ.