ރާއްޖޭގެ މިނިވަންކަމަށްޓަކައި ދަރިވަރުން ހޭލުންތެރިވާންޖެހޭ: ވަޒީރު

އަވަސް

23 ނޮވެމްބަރު 2025 | އާދިއްތަ | 2:40

ދިވެހިރާއްޖޭގެ މިނިވަންކަމަށްޓަކައި ކޮންމެ ކިޔަވާ ކުއްޖަކުވެސް ހޭލުންތެރިވެ ތިބުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އިލްތިމާސް ކުރައްވައިފި އެވެ.

ވަޒީރު މިކަމަށް އިލްތިމާސް ކުރެއްވީ ދިވެހިން މިއަދު ފާހަގަކުރަމުންދާ ހުރަވީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ފޮނުއްވި ޚިޠާބެއްގައެވެ. ރާއްޖޭގައި ހުރަވީ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ ތިންވަނަ ދުވަހެވެ. އެއީ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (އެއްވަނަ) ނުވަތަ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި ތާރީޚް އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރަވީ ދުވަސް ފާހަގަކުރީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ ތިންވަނަ ދުވަހު އެވެ. އެއީ މީލާދީ ތާރީޚުންނަމަ އޭޕްރީލް 18، 1980 އެވެ. ވަޒީރުގެ ޚިޠާބުގައި ވިދާޅުވީ އަޅުގަނޑުމެންނަކީ ވަރަށް ނަސީބުވެރި ޤައުމެއްގައި ދިރިއުޅޭ ބައެއް ކަމަށެވެ. އެއީ ދިވެހިރާއްޖެއަކީ އަމާންކަން ލިބިފައިވާ އެކުވެރި ޤައުމަކަށް ވާތީ ކަމަށް ވިދާޅުވި އެވެ. "މި އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އެންމެ މުހިންމު ކަމަކީ މާތްވެގެންވާ އިސްލާމްދީނަށް ތެދުވެރިވުން. ޤައުމަށް ވަފާތެރިވުން. ވެރީންނަށް ކިޔަމަންވުން. ޤައުމުދެކެ ލޯބިވުން،" ވަޒީރު ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ފަދައިން، ދިވެހީންގެ އަސްލުތަކާއި ދިވެހިބަހާއި ދިވެހީންގެ އަޚްލާޤުގައި ދިވެހިން ދެމި ތިބުމަށާއި ޤައުމުގެ މިނިވަންކަމަށްޓަކައި އަޅުގަނޑުމެން ކޮންމެ ކިޔަވާ ކުއްޖަކު ހޭލުންތެރިވެ ތިބުމަށްވެސް ވަޒީރު އާދަމް ނަޞީރު އިބްރާހީމް އިލްތިމާސް ކުރެއްވި އެވެ. "އަޅުގަނޑު އެދެނީ މިރާއްޖެއަށް އަބަދުވެސް އަމާންކަން. ދިވެހި ޤައުމަށް އަބަދުވެސް އުފާވެރިކަން. މި ލޮބުވެތި ވަޠަން މިނިވަންކަމުގެ ހިޔަލުގައި އަބަދުމެ ލަހައްޓަވާށި،" ވަޒީރު ވިދާޅުވި އެވެ.

މައުޟޫޢުތަށް