ހައިކޯޓުގެ ފަނޑިޔާރު ފައިސަލް އިސްތިއުފާ ދެއްވައިފި

އަވަސް

23 ނޮވެމްބަރު 2025 | އާދިއްތަ | 5:45

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ފަނޑިޔާރު ފައިސަލް މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ހައިކޯޓުން މިއަދު އިއުލާންކުރި ނަމަވެސް އިސްތިއުފާ ދެއްވި ވަކި ސަބަބެއް ނުބުނެ އެވެ. ފައިސަލް އިސްތިއުފާ ދެއްވާފައި މިވަނީ އޭނާގެ މައްސަލަތަކެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން ދަނިކޮށެވެ. ހައިކޯޓުގައި މިވަގުތު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އެއް ފަނޑިޔާރު ފައިސަލްް މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އޭނާއާ ގުޅުވާފައި މައްސަލަތަކެއް ސޯޝަލްމީޑިއާގައި ތިލަކޮށްފައިވާ ވަގުތެއްގައެވެ. ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ފައިސަލް އައްޔަންކުރުމަށް މިއަހަރުގެ މާޗް 19 ވަނަ ދުވަހު އޮތް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ބައްދަލުވުމުގައި ނިންމި އެވެ. އެކަމަކު ފައިސަލް މަގާމުން އިސްތިއުފާ ދެއްވުމާ ހަމައަށްވެސް އޭނާ، އިސް ފަނޑިޔާރުކަމަށް އައްޔަންކުރުމުގެ ގޮތުން މަގާމުގެ ލިޔުން ހަވާލުކޮށްފައެއް ނުވެ އެވެ. އެކަމަކު ނިމުނު ހަފްތާގެ ނިޔަލަށް ހައިކޯޓުގެ އިސް ފަނޑިޔާރުގެ ޒިންމާތައް އުފުއްލަވަމުން ގެންދެވީ ފައިސަލް އެވެ. ނަމަވެސް އެ ޒިންމާތަކުން ފައިސަލް އެއް ފަރާތްވުމާ ގުޅިގެން ހައިކޯޓު ހިންގުމާ މިވަގުތު ހަވާލުވެވަޑައިގެން ހުންނެވީ އެ ކޯޓަށް އެންމެ ފަހުން އައްޔަންކުރެއްވި ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ އެވެ.

ފަނޑިޔާރު މުހައްމަދު ފައިސަލްއަކީ ދިވެހިރާއްޖޭގެ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ޝަރީއަތާ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން ގާނޫނީ ދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެ އެވެ. އެގޮތުން ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެސްއެމްއެންއެސް އިކުއިޓީ ޗެމްބަރުގައި މަސައްކަތް ކުރައްވާފައިވެ އެވެ. ފައިސަލް ވަނީ މެއި 22، 2014 އިން ފެށިގެން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަން ކުރައްވައި، ޖުލައި 13، 2014 ވަނަ ދުވަހުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރު ކަމަށް ވަޑައިގަންނަވަންދެން ޖޭއެސްސީގެ ނައިބްރައީސްގެ މަގާމު ފުރުއްވާފަ އެވެ. ފަނޑިޔާރު ފައިސަލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުކުރައްވާފައިވަ ޖުލައި 24، 2018 ގައެވެ.

މައުޟޫޢުތަށް