އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒް އިސްތިއުފާ ދެއްވައިފި
އަވަސް
23 ނޮވެމްބަރު 2025 | އާދިއްތަ | 10:48
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒް އިސްމާއީލް އިސްތިއުފާ ދެއްވައިފި އެވެ.
އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވާފަ އެވެ. ފައްޔާޒްގެ ޕޯސްޓްގައި ވަނީ އޭނާ އެ މަގާމުގައި ހުރި މުއްދަތުގައި ޕާޓީގެ ހަރަކާތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެ ދެއްވި އާންމު މެންބަރުންނާއި ޕާޓީގެ ކަންކަމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ގައުމީ މަޖިލީހާއި ސެކްރެޓޭރިއޭޓުގެ މެންބަރުންނަށް ޝުކުރު ދަންނަވާފަ އެވެ. ފައްޔާޒް ވިދާޅުވީ އަސާސީ ހައްގުތަކާއި ރައްޔިތުންގެ ބާރުވެރިކަން ހޯދައިދިން ޕާޓީގެ މެންބަރުންނާއެކު ގާތުން މަސައްކަތް ކުރުމަކީ ހަޔާތުގައި ލިބުނު އެންމެ ބޮޑު އެއް ޝަރަފު ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ޕާޓީގެ ގައުމީ މަޖިލީހާއި އާންމު މެންބަރެއްގެ ގޮތުގައި ވެސް އިސްލާހީ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށް ވިދާޅުވި އެވެ.