ވިލިމާލޭގައި މިސްކިތެއްް އެޅުމަށް ބަޔަކާ ހަވާލުކޮށްފި
އަވަސް
23 ނޮވެމްބަރު 2025 | އާދިއްތަ | 11:00
ވިލިމާލޭގައި ހުންނަ މިސްކިތެއް ކަމަށްވާ މަސްޖިދުއްސަލާމް މިހާރު ހުރި ބިމުގައި 850 މީހުންގެ ޖާގައިގެ އާ މިސްކިތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ބައްދަލުކުރެއްވުމުގައި މިމަސައްކަތުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. މި މިސްކިތަކީ ބަންޑާރަނައިބް އަހްމަދު އުޝާމުގެ ބޭބެ މުހައްމަދު ވިޝާމު އިސްކޮށް މަސައްކަތް ކުރައްވާ ފައުންޑޭޝަނެއް ކަމަށްވާ ފިޔަ ފައުންޑޭޝަނުން ހުރިހާ ހަރަދެއްކޮށްގެން އަޅާ މިސްކިތެވެ. މިބައްދަލުކުރެއްވުމުގައި ފިޔަ ފައުންޑޭޝަންގެ ފަރާތުން ވިޝާމު ސޮއި ކުރެއްވިއިރު އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އެވެ.
ޒަމާނީ ފެންވަރަށް ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ ދެ ބުރީގެ މިސްކިތެކެވެ. މި މިސްކިތުގައި ނަމާދު ކުރާ ބައިގެ އިތުރުން 2 ކުލާސްރޫމާއި އޮފީސް ބައެއް ހިމެނެ އެވެ. މިއީ މާލެ ސަރަހައްދުގައި ހުރި ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އާ މިސްކިތްތައް ބިނާ ކުރުމަށް އިިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު މަޝްރޫއު އެކެވެ.