ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް 300 ހައުސިން ޔުނިޓް ހާއްސަކުރަނީ

އަވަސް

23 ނޮވެމްބަރު 2025 | އާދިއްތަ | 11:54

މާލެ ސަރަަހައްދުގައި މިސަރުކާރުން އެންމެ ފުރަތަމަ އަޅަން ނިންމާފައިވާ 3،000 ހައުސިން ޔުނިޓްގެ ތެރެއިން ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓް ހާއްސަކުރާނީ އެ އަވަށުގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްްޖެ އެވެ.

ވިލިމާލޭގެ ރައްޔިތުންނާ އެކު ރައީސް މުއިއްޒު މިރޭ ކުރިއަށް ގެންދިޔަ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި 500 ހައުސިން ޔުނިޓް ވިލިމާލޭގައި އެޅުމަށް ވައުދުވެފައިވާނެ ކަމަށެވެ. އެހެންކަމުން އެ އަވަށުގައި އަޅާ 300 ހައުސިން ޔުނިޓަކީ ވައުދު ފުއްދުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށްވެސް ވިދާޅުވި އެވެ. މިމަޝްރޫއު މިއަހަރުގެ ތެރޭގައި ކޮންޓްރެކްޓަރަކާ ހަވާލުކުރެވި މަސައްކަތް ފެށިގެންދާނެ. މިމަސައްކަތަށް ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފައި. ފައިސާގެ އެއްވެސް ދަތިކަމެއް މިމަސައްކަތުގައި ނެތް. މިއީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެއް އެކުލެވޭ 300 ހައުސިން ޔުނިޓް،" ރައީސް ވިދާޅުވި އެވެ. މާލެ ސަރަހައްދުގައި މިސަރުކާރުން އެންމެ ފުރަތަމަ އެޅުމަށް ހަމަޖެހިފައިވާ 3،000 ހައުސިން ޔުނިޓްގައި ހިމެނޭ ފްލެޓްތައް އެޅުމަށް ހަމަޖެހިފައިވަނީ ވިލުމާލޭގެ އިތުރުން ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގައެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހު ވަޒީރުގެ މަޖިލީހުން ނިންމެވި ގޮތަށް، ރައްޔިތުންގެ މެދުގައި ބޯހިޔާވަހި ކަމަށް ކެރިފޯރުންތެރިކަން އިތުރުކުރުމަށްޓަކައި، ނެޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއުގެ ދަށުންނެވެ. މިއީ މާލީ އިދާރާތަކުގެ އެހީތެރިކަމާއެކު ބޯހިޔާވަހިކަމުގެ ޔުނިޓުތައް ތަރައްޤީކޮށް، ލީޒް-ޓު-އޯން މޮޑެލްއެއްގެ ދަށުން އާންމު ރައްޔިތުންނަށް އެ ޔުނިޓުތައް މިލްކުރެވޭ ނިޒާމެވެ. މިމަޝްރޫއަށް ފަންޑުކުރާނީ ބެންކް އޮފް މޯލްޑިވްސް އެވެ. މިބައްދަލުކުރެއްވުމުގައި ބައިވެރިވި އާންމުންނަށް ޝުއޫރު ފާޅުކުރުމަށް ދިން ފުރުސަތުގައި އެންމެ ގިނަ ބަޔަކު ފާހަގަކުރީ ބޯހިޔާވަހިކަމެއް ބޭނުންވެ ނުލިބިވާ މައްސަަލަ އެވެ.

މައުޟޫޢުތަށް