ވިލިމާލެއަށް ބީއެމްއެލްގެ ޑޮލަރު އޭޓީއެމްއެއް
އަވަސް
24 ނޮވެމްބަރު 2025 | ހޯމަ | 11:25
ވިލިމާލޭގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމްއެއް އަންނަ އަހަރު ބަހައްޓަން ނިންމައިފި އެވެ.
މިކަން ހާމަކުރެއްވީ ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެ އަވަށުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު އެވެ. އާބާދީގައި 2،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އަދި ގެސްޓް ހައުސްތައް އެންމެ އެންމެ ގިނަ ރަށްތަކާއި، އާބަން ސެންޓަރުތަކުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ނިންމާ ސަރުކާރުން ވަނީ އެކަން އިއުލާންކޮށްފަ އެވެ. މިމަޝްރޫއުގެ ދަށުން އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް 70 ރަށެއްގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ސަަރުކާރުން ވަނީ ނިންމާފަ އެވެ. މިރޭގެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އެ އަވަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ކުރީގެ ސަރުކާރުތަކުން އަޅާނުލާ ދޫކޮށްލި ނަމަވެސް މިސަރުކާރުން އެ މައްސަލަތައް ހައްލުކޮށްދޭނެ ކަމަށެވެ. ވިލިމާލޭގެ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގެ މަސައްކަތްތައް އެކި މަރުހަލާތުގައި ހިނގަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބައެއް ކަންކަމަކީ ކުޑަކަމެއް ކަމަށް ބައެއް މީހުންނަށް ހީވި ނަމަވެސް އެފަދަ ކަންކަމުންވެސް އެތައް ބަޔަކަށް ފައިދާ ވަމުންދާނެ ކަމަށެވެ. އެގޮތުން ވިލިމާލޭގައި ޑޮލަރު އޭޓީއެމްއެއް ބެހެއްޓުމުން އެ އަވަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަތަކެއް ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ. "އަޅުގަނޑު މިދޭތެރެއިން އިއުލާންކުރިން 70 ރަށެއްގައި ޔޫއެސް ޑޮލަރު ބަހައްޓާ ވަހަކަ. އޭގެ ތެރެއިން އެއް އޭޓީއެމް ވިލިމާލޭގައި ބަހައްޓާގޮތަށް ވަނީ ހަމަޖެހިފައި،" ރައީސް ވިދާޅުވި އެވެ. ބީއެމްއެލް އިން މިހާރު ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާފަ އެވެ.