އެމްޑީޕީން ފައްޔާޒަށް ޝުކުރު އަދާކޮށްފި

އަވަސް

24 ނޮވެމްބަރު 2025 | ހޯމަ | 3:57

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން ފައްޔާޒް އިސްމާއީލް ކޮށްދެއްވި ހިދުމަތްތަކަށް އެޕާޓީން ޝުކުރު އަދާކޮށްފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވިކަން ފައްޔާޒް އިއުލާނު ކުރެއްވީ ރޭ ކުރިއަށްދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ނިންމަވަމުންނެވެ. އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ އެޕާޓީގެ ދެވަނަ ސަރުކާރުގެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރުގެ ހައިސިއްޔަތުން ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ފައްޔާޒް ވަރަށް އިސް ދައުރެއް އަދާކުރެއްވިކަން ފާހަގަކުރައްވާފަ އެވެ. "ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގެންނެވީ ސަރުކާރުގެ އިސް މަގާމެއްގައި ހުންނަވައިގެން ކަމަށްވީ ނަމަވެސް، ޕާޓީގެ މަސައްކަތްތަކާއި ކަންކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވައި ޕާޓީގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ފެއްޓެވިއެވެ. އަދި ޕާޓީގެ ތެރޭގައި އޮންނަންޖެހޭ އެކުވެރިކަމާއި ބަދަހިކަން ހިފެހެއްޓުމަށް ޓަކައި އެކި ފެންވަރުގައި މަސައްކަތް ކުރެއްވިއެވެ،" ބަޔާނުގައި ބުނެފައިވެ އެވެ. ސަރުކާރުގެ ދައުރު ނިމުމަށްފަހު ޕާޓީގެ މަސައްކަތައް ހުރިހާ ވަގުތެއް ހޭދަކުރައްވައި، ޕާޓީއަށް ކޮންމެހެން ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށާއި، ރައްޔިތުން އެދޭ ގޮތަށް ޕާޓީގެ މިސްރާބު ސީދާކޮށް ޕާޓީއަށް ކާމިޔާބު ހޯދޭނެ މަގުތައް ތަނަވަސްކުރުމަށް ފައްޔާޒު މަސައްކަތް ކުރެއްވި ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ. ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވާ ގޮތުން މަގާމުން އިސްތިއުފާ ދެއްވަނީ އޭނާއަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ މީހަކަށްވެފައި އެހެން ބޭފުޅަކު ރަސްމީކޮށް އިއުލާނުކޮށްފައި ނުވި ނަމަވެސް އެ ޝައުގުވެރިކަން ހުރި އެހެން ބޭފުޅުންވެސް އިސް ސަފުގައި ތިއްބެވުމުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތައް ހުރުމުންނެވެ. އަދި މިހާރު ހުރި ގޮންޖެހުންތަކާއި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ޕާޓީގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިގެންދާ މަންޒަރު ފެންނަކަމަށް ފައްޔާޒުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

މައުޟޫޢުތަށް