ރަނގަޅު ގޮތަކީ ސޯލިހާއި އަޅުގަނޑު ވާދަނުކުރުން: ނަޝީދު
އަވަސް
24 ނޮވެމްބަރު 2025 | ހޯމަ | 4:00
އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނު ވާދަނުކުރެއްވުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕަކަށް މިއަދު ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއާއި ރާއްޖެއަށްވެސް އެންމެ ރަނގަޅު ގޮތަކީ ރައީސް ސޯލިހާއި އެމަނިކުފާނުވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރުން ކަމަށް ތަކުރާރުކޮށް ވިދާޅުވާން ބޭނުންވާ ކަމަށެވެ. ނަޝީދު ހުށަހެޅުމަކީ އެމްޑީޕީން ރިޔާސީ އިންތިހާބަށް ނެރޭ އެއް ކެންޑިޑޭޓަކަށް އެމަނިކުފާނާއި ރައީސް ސޯލިހާއި ޕާޓީގެ ހުރިހާ މެންބަރުންވެސް ތާއީދުކުރުމެވެ. ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއި ރައީސް ސޯލިހް ވާދަނުކުރެއްވުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނަޝީދު ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްމާއީލް ކުއްލި ގޮތަކަށް ރޭގެ ވަގުތެއްގައި އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ. ފައްޔާޒު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފަ އެވެ. ރައީސް ނަޝީދާއި ފައްޔާޒުގެ އަރިސް ބައެއް ބޭފުޅުންގެ ފަރާތުން މައުލޫމާތު ލިބޭ ގޮތުގައި ރައީސް ނަޝީދު ބޭނުންފުޅު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ފައްޔާޒު ވާދަކުރެއްވުމަށެވެ.