އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއާއި މާލެއަށް

އަވަސް

25 ނޮވެމްބަރު 2025 | އަންގާރަ | 9:00

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެ އާއި މާލެއަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ހާމަކޮށްފި އެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ހުޅުލެއަށް 85.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މިއަދު ހަވީރު 3:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި މެދުރާއްޖެތެރެ އާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މައުޟޫޢުތަށް