މިސްކިތަށް ގެއްލުން ދިނުން ޓެރަރިޒަމްގެ އަމަލެއް ކަމަށް ކަނޑައަޅާ އިސްލާހެއް
އަވަސް
25 ނޮވެމްބަރު 2025 | އަންގާރަ | 11:10
މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ކަނޑައަޅަން އިސްލާހެއް ހުށަހަޅައިފި އެވެ.
ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް އެވެ. ބިލް ހުށަހެޅި ސަބަބެއްގެ ގޮތުގައި މެންބަރު ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުން ދިނުން އާންމުވެ އެފަދަ އަމަލުތައް ތަކުރާރުވަމުން ދިއުމެވެ. އެފަދަ އަމަލުތަކަކީ މިސްކިތުގެ ކަރާމަތަށް އުނިކަން ލިބޭ ފަދަ އަަމަލުތަކެއް ކަމަށާއި މިސްކިތުގެ ކަރާމަތް ހިފެހެއްޓުމަކީ އިސްލާމުދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ތެރެއިންވާ ކަމެއް ކަމަށް ވީހިނދު އެފަދަ އަމަލުތައް ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނުމަކީ މުހިންމު ކަމެއްކަމަށް މެންބަރު ފާހަގަކުރެއްވި އެވެ. މެންބަރު މި އިސްލާހު ހުށަހެޅުއްވިއިރު މާލޭގައި ހުންނަ ތައިބާ މިސްކިތަށާއި އައްޑޫ ހިތަދޫގައި ހުންނަ މަސްޖިދުލް އުމަރުލް ފާރޫގަށް މިމަހު ވަނީ ގެއްލުންދީފަ އެވެ.