އަރަބިއްޔާ ހުރި ބިމުގައި ޕާކެއް ހެދުމުގެ ވިސްނުން

އަވަސް

25 ނޮވެމްބަރު 2025 | އަންގާރަ | 11:00

ޗާންދަނީ މަގުގައި އަރަބިއްޔާ ސްކޫލް ހުރި ބިމުގައި ވެހިކަލް ޕާކް ކުރެވޭ ގޮތަށް އިޖުތިމާއީ ޕާކެއް ތަރައްގީކުރުމަކީ ސަރުކާރުގެ ވިސްނުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަރަބިއްޔާ ސްކޫލު ހުރި ބިމާ ގުޅޭގޮތުން އާންމުން ދެކޭ ގޮތުގެ ހިޔާލާއި މަޝްވަރާ ހިއްސާކުރުމަށް ރައީސް މުއިއްޒު ވަނީ މިބައްދަލުވުމުގައި ފުރުސަތު ދެއްވާފަ އެވެ. ރައީސް ވިދާޅުވީ އަރަބިއްޔާ ސްކޫލު ހިންގި އިމާރާތް ބޭނުން ނުކުރެވޭ ހާލަތުގައި ހުރުމުން އެ އިމާރާތް ތަޅާލައި ބިން ސާފުކުރަން ނިންމާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ 11000 އަކަފޫޓުގެ އެ ބިމުގައި ވެހިކަލް ޕާކް ކުރެވޭ ގޮތަށް އިޖުތިމާއީ ޕާކެއް ހެދުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށްވީ މައްޗަންގޮޅީގެ ރައްޔިތުން ދެކޭ ގޮތް ބަލަން ބޭނުންވާ ކަމަށެވެ. "ދެ ބޭނުމަކަށް އެބިމުގެ ބޭނުންކުރަން ވިސްނަނީމި. އަޅުގަނޑުގެ ވިސްނުމަކީ އެތަނުގައި ބޮޑު ސަރަޙައްދެއްގައި ޕާކިންއެއް ތަރައްޤީކޮށް، ގްރީން ސްޕޭސްއަކާއެކު ކޮމިއުނިޓީ ޕާކަކާއެކު ތަރައްޤީކުރުން،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ މައްޗަށްގޮޅީގެ ރައްޔިތުންނާއި ޖުމްލަކޮށް މާލޭގައި އުޅޭ އެންމެން އެދޭ ކަންކަން ވީހާވެސް އަވަހަށް ކޮށްދެވޭނެ ގޮތަކީ ކޮބައިތޯ ބަލައި އެކަމެއް ކޮށްދިނުމަކީ ސަރުކާރުން ބޭނުންވާ ގޮތް ކަމަށެވެ. މާލެއަަށް އެންމެ ބޮޑަށް ދިމާވެފައިވަނީ ގެދޮރުވެރިކަމުގެ މައްސަލަ ކަމަށްވާތީ އެކަމަށް އިސްކަންދީގެން ގިނަ މަޝްރޫއުތަކެއް އެކި މަރުހަލާ ތަކުގައި ހިންގަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ އާއި މަގުތައް ހަލާކުވެފައިވާ މައްސަލައަށް ލުއިތަކެއް ހޯދައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ. ރައީސް މުއިއްޒު ވަނީ މާލޭގެ ހުރިހާ އަވަށްތަކާއި ހުޅުމާލެއާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް ނިންމާފަ އެވެ. މިފަދަ ފުރަތަމަ ބައްދަލުވުން މިދިޔަ ހަފްތާގައި ބާއްވާފައިވަނީ ވިލިމާލޭގައެވެ.

މައުޟޫޢުތަށް