ހުޅުމާލެ 3 އާއި ގިރާވަރުފަޅު ހިއްކަން އިތުރު ޑްރެޖަރެއް
އަވަސް
25 ނޮވެމްބަރު 2025 | އަންގާރަ | 5:00
މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދާ، ހުޅުމާލޭ ތިންވަނަ ފިޔަވަހި އަދި ގިރާވަރުފަޅުގެ ބިން ހިއްކަން އިތުރު ޑްރެޖަރެއް ރާއްޖެ ގެނެސްފި އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އާ ޑްރެޖަރު މިއަދު ރާއްޖެ އައިސްފައިވާ ކަމަށާއި ހުޅުމާލޭގެ ފޭސް 3 ހިއްކުމުގެ މަސައްކަތް މާދަމާ އެ ޑްރެޖަރުން ކުރަން ފަށާނެ ކަމަށެވެ. އަދި ފޭސް 3 ހިއްކުމުގެ މަސައްކަތް އަންނަ މަސް ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ. އޭގެފަހުން ގިރާވަރުފަޅު ހިއްކުމަށް ބޭނުންވާ އީއައިއޭގެ މަސައްކަތްތަކާއި އެހެންވެސް އިދާރީ ކަންކަން ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށާއި އެއަށްފަހު އެ މަސައްކަތް ނިމެންވާއިރަށް ހުޅުމާލެ ފޭސް 3 ހިއްކުމަށްފަހު ދެ ޑްރެޖަރު ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ މަސައްކަތް ފަށާތާ ދެތިން މަސްތެރޭ ގިރާވަރުފަޅު ހިއްކާ ނިިންމާލެވޭނެ ކަމަށްވެސް ވިދާޅުވި އެވެ. ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ސަރުކާރުން ނިންމާފައިވަނީ 63 ހެކްޓަރުގެ ބިން ހިއްކުމަށެވެ. ހުޅުމާލެ ފޭސް 3 ގައި ހިއްކުމަށް ބާކީ އޮތީ 35 ހެކްޓަރުގެ ބިމެވެ. ގިރާވަރުފަޅުން 169 ހެކްޓަރު ހިއްކަން ހަވާލުކޮށްފައި އޮތް މަޝްރޫއުއަށް 50 ހެކްޓަރު އިތުރުކުރަން ނިންމައި އެ ފަޅު ހިއްކައި ނިމޭއިރު 219 ހެކްޓަރު ހުންނާނެ އެވެ. އޭގެ ތެރެއިން 90 ހެކްޓަރު ވަނީ މިހާރު ހިއްކާފަ އެވެ.