އާޒިމާއަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

އަވަސް

25 ނޮވެމްބަރު 2025 | އަންގާރަ | 7:00

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އާޒިމާ ޝުކޫރުގެ މައްޗަށް ދައުލަތުން ކުރާ ދެ ދައުވާއެއް ކުރިއަށް ނުގެންދިއުމަށް ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ނިންމައިފި އެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހި ކޮށްދިނުމުގެ ކުށުގެ ދައުވާ އެވެ. އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލާގައި އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ)އަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެ އެވެ. މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާ ނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކުރައްވައި، އެ ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތް ކުރެއްވިކަމަށް ތުހުމަތުވާތީ އެވެ. ޕީޖީ އޮފީހުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އެ ދައުވާތައް މުރާޖައާކޮށްދިނުމަށް އާޒިމާގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. އާޒިމާގެ ފަރާތުން ދައުވާ މުރާޖާއާކޮށްދިނުމަށް އެދި ހުށަހެޅި ކަންކަމަށް ބަލާއިރު އާޒިމާގެ މައްޗަށް ތުހުމަތުކުރާ ކުށުގެ އަމަލުގެ ސަބަބުން މަގުފަހިވި މަނީ ލޯންޑްރިން ކުށުގެ އަސްލުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ. އެހެންވެ އާޒިމާގެ މައްޗަށް ކުރާ ދައުވާތައް އިތުރަށް ކުރިއަށްގެންދިއުމުގެ މަސްލަހަތު އޮތްކަމަށް ނުފެންނާތީ އެ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމީކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މައުޟޫޢުތަށް