ހަރަދުތައް ހަމަޖައްސަން 1.5 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަނީ
އަވަސް
26 ނޮވެމްބަރު 2025 | ބުދަ | 9:20
ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 1.5 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީން މި ފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލުތަކުގެ ތެރޭގައި އަންނަ މަހުގެ 29 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 300 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި އަންނަ އަހަރުގެ މާޗް ނުވަ ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 438.4 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެ އެވެ. މީގެ އިތުރުން އަންނަ އަހަރުގެ ޖޫން ފުރަތަމަ ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 132 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި އަންނަ އަހަރުގެ ނޮވެމްބަރު 30 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 714.1 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެ އެވެ. ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ. ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެ އެވެ. ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.