ދިވެހި 200 ސީމަނުންނަށް އެސްއައިޑީ ދޫކޮށްފި

އަވަސް

26 ނޮވެމްބަރު 2025 | ބުދަ | 10:24

ދިވެހި 200 ސީމަނުންނަށް މިދިޔަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ސީފެއަރަސް އައިޑެންޓިޓީ ޑޮކިއުމަންޓް (އެސްއައިޑީ) ދޫކޮށްފި އެވެ.

މިމައުލޫމާތު ހާމަކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރުވުމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ހާއްސަ ފޮތެއްގައެވެ. އެސްއައިޑީއަކީ 2016 ވަނަ އަހަރުން ފެށިގެން އިންޓަނޭޝަނަލް ލޭބަ އޮގަނައިޒޭޝަން (އައިއެލްއޯ)ގެ މެރިޓައިމް ލޭބަ ކޮންވެންޝަނުން ސީމަނުންނަށް ދޫކުރުން ލާޒިމްކޮށްފައިވާ އެއްޗެކެވެ. ނަމަވެސް 2024 ވަނަ އަހަރުގެ ޖޫން މަހާއި ހަމައަށް ދިވެހި ސީމަނުންނަށް އެސްއައިޑީ ދޫކޮށްފައި ނުވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެކަމާ ގުޅިގެން ބޯޓު ދަތުރުކުރުމުގެ ވަޒީފާތަކަށް ދިއުމުގެ ފުރުސަތު އޮތީ ދިވެހިންނަށް ގެއްލިފައި ކަމަށްވެސް ބުންޏެވެ. އެކަމަކު މިމައްސަލަ ހައްލުކުރުމުގެ ގޮތުން ޖޫން 24، 2024 އިން ފެށިގެން ދިވެހި ސީމަނުންނަށް އައިއެމްއޯއާއި އައިއެލްއޯ ގަބޫލުކުރާ ފެންވަރުގައި އެސްއައިޑީ ދަނީ ދޫކުރަމުންނެވެ. އެ ތާރީހުން ފެށިގެން މިހާތަނަށް 200 ސީމަނުންނަށް އެސްއައިޑީ ދޫކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. ޓްރާންސްޕޯތް މިނިސްޓްރީން ބުނީ ނިއަރ ކޯސްޓަލް އޭރިއާގައި ދަތުރުކުރާ އާގު ބޯޓުފަހަރުގައި މަސައްކަތް ކުރާ މީހުންނަށް ފުރުސަތު އިތުރުކޮށް ކުރިއަށް ދެވޭނެ ގޮތް ހޯދައި ދިނުމަށްޓަކައި ސެޓްފިކެޓް އޮފް ކޮމްޕިޓެންސީވެސް ދޫކުރަން ފަށާފައިވާ ކަމަށެވެ. މި ބަދަލުގެ ތެރެއިން ސެޓްފިކެޓް 3 އިން މެރިން އޮޕަރޭޝަންސް އަދި ސެޓްފިކެޓް 3އިން މެރިން އިންޖިނިއަރިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އޯރަލް އިމްތިހާނަކަށްފަހު ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ ދޫކުރަމުންދާ ކަމަށް ބުންޏެވެ. މިފުރުސަތުގެ ދަށުން މިދިޔަ ދެ އަހަރުގެ ތެރޭގައި 14 ޑެކް ސީއޯއީ ސެޓްފިކެޓް ދޫކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މައުޟޫޢުތަށް