އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުން ތަފާތުކުރާ ކަމަށް ބުނެ ގަރާރެއް
އަވަސް
26 ނޮވެމްބަރު 2025 | ބުދަ | 10:49
އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުން ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މިކަމުގައި މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި މި ގަރާރު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމް އެވެ. ގަރާރުގައި ބުނީ ރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގައި ހިމެނޭ މުއައްސަސާތައް ކަމުގައިވާ ކޯޓްތަކުން، އިންސާފުވެރިކަމާއި އަދުލުވެރިކަން އިސްކޮށް ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވުމުގެ ބަދަލުގައި ފަރުދުންގެ މެދުގައި ގަސްތުގައި ތަފާތު ކުރަމުންދާ ކަމަށެވެ. އަދި އެ ތަންތަނަށް ހުށަހެޅޭ މައްސަލަތަކުގައި ކަނޑައެޅިގެން ތަފާތުކޮށް ޢަމަލުކުރަމުންދާ ކަމަށްވެސް ގަރާރުގައި ބުނެފައިވެ އެވެ. "ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައި ވަނީ ޤާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން އެ މީހަކު ދޫކޮށްލުމަށް ނުވަތަ ބަންދުގައި އިތުރަށް ބެހެއްޓުމާމެދު ގޮތެއް ކަނޑައެޅުމުގައި ފަނޑިޔާރުން އަދުލުވެރިކަމުން އެއްކިބާވަމުންދާކަން ފާހަގަކުރެވޭ ހިނދު،" ގަރާރުގައި ބުނެފައިވެ އެވެ. މި ގޮތުން، ފާއިތުވި އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭގައި މާލޭގެ އިމާރާތެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެން ކުއްޖަކު ޒަހަމްތަކަކާއެކު ވެއްޓިފައި އޮއްވައި ފެނުން މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އަމުރުކޮށްފައިވަނީ އެންމެ ތިން ދުވަހަށް ބަންދުކުރުމަށް ކަމަށް މީކާއީލު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވެ އެވެ. މީކާއީލު ހުށަހެޅުއްވި ގަރާރުގައި ވަނީ އެމްޑީޕީން އޮކްޓޫބަރު ތިން ވަނަ ދުވަހު ރޭ ބޭއްވި އެއްވުމުގައި ހައްޔަރުކުރި މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ދިންއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭންކެއްގެ މުވައްޒަފުންތަކެއްގެ އަތުން ގިނަ އަދަދެއްގެ ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ފަސް ދިންކަން ފާހަގަކޮށްފަ އެވެ. މީގެ އިތުރުން އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު، މާލޭގެ ކެފޭއަކުން ކެއުމަށްފަހު ބިލަށް ފައިސާ ނުދައްކާ ފިލަން އުޅުނުކަމަށް ބުނެ ފުލުހުން ހައްޔަރުކުރި މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ އެކަންކުރީ ކުށެއް ކުރުމުގެ ގަސްދުގައި ނޫންކަމާއި ބަނޑުހައިވެގެންކަމަށް ކޯޓުގައި ބުނުމުންވެސް އޭނާ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރި ކަމަށް ގަރާރުގައި ބުނެފައިގެ އެވެ. ގަރާރުގައި ބުނީ ބޮޑެތި ޖިނާއީ ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނަށް ކުރުމުއްދަތެއް އަދި ކުދިކުދި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނަށް ދިގު މުއްދަތެއް ޖަހައި، ހަމަހަމަކަމާއި އިންސާފުން އެއްކިބާވެ ރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުން ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅުމަކީ، ރައްޔިތުންނަށް އިންސާފު ލިބުމަށް ނިޒާމީ ގޮތެއްގައި ހުރަސްއެޅިގެން ހިނގައިދާނެ ކަމެއް ކަމަށެވެ.