އުރީދޫ މޯލްޑިވްސްގެ އޭއައި ޕަވާޑް އީކޭވައިސީ ދޯހާގެ މޮބައިލް ވޯލްޑް ކޮންގްރެސްގައި ދައްކާލައިފި
އަވަސް
27 ނޮވެމްބަރު 2025 | ބުރާސްފަތި | 9:26
އުރީދޫ މޯލްޑިވްސް އިން ބޭނުންކުރަމުންދާ އީކޭވައިސީ (އިލެކްޓްރޯނިކް ނޯ ޔުއާ ކަސްޓަމާ) ސޮލިއުޝަން ގަތަރުގެ ދޯހާގައި ކުރިއަށްދާ މޮބައިލް ވޯލްޑް ކޮންގްރެސްގައި ދައްކާލައިފި އެވެ.
އުރީދޫގެ ޑިޖިޓަލް ސިމް އެކްޓިވޭޝަން ޗެނަލްތަކުގައި މިހާރު ބޭނުން ކުރަމުން އަންނަ މި ސިސްޓަމަކީ ޑިޖިޓަލް ހިދުމަތްތަކުގެ އިތުރަށް ފުރިހަމަކުރުމަށް އޭއައި ބޭނުންކޮށްގެން ފަރުމާކޮށްފައިވާ އިންޑަސްޓްރީ ލީޑިން ސްޕީޑް އަދި ފްރޯޑް ރެސިސްޓެންޓް އައިޑެންޓިޓީ ވެރިފިކޭޝަން ބޭނުންކުރާ ސޮލިއުޝަންއެކެވެ. މި ސިސްޓަމް މެދުވެރިކޮށް އައިޑީ މައުލޫމާތު ނަގައި، ލައިވްނެސް ޗެކްކޮށް، ފޭޝަލް އައިޑެންޓިޓީއާ އެއްގޮތްކޮށް، އޮޓޮމެޓިކުން ސިމް އެކްޓިވޭޓް ކުރުމުގެ ފުރުސަތު ލިބި، މީގެ ކުރިން މި ޕްރޮސެސް ކުރިއަށް ދިޔަގޮތާ އަޅާ ބަލާއިރު ކަސްޓަމަރުންގެ ތަޖުރިބާ ފަސޭހަ ކޮށްދެ އެވެ.
އުރީދޫ މޯލްޑިވްސް އިން ބުނީ 10 ސިކުންތުގެ ތެރޭގައި ނިންމާލެވޭ މި ޕްރޮސެސް އާއެކު ކަސްޓަމަރުންނަށް ފުރިހަމަ ޑިޖިޓަލް، ޕޭޕަރލެސް އަދި ސީމްލެސް އޮންބޯޑިން އެކްސްޕީރިއަންސް އެއް ލިބިގެންދާނެ ކަމާށެވެ. ރާއްޖެއަކީ ފަތުރުވެރިކަމުގެ އެންމެ މަގުބޫލު މަންޒިލްކަން ފާހަގަކުރައްވާ އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ހާލިދު އަލް ހަމާދީ ވިދާޅުވީ ގުދުރަތީ ރީތިކަމާ އެއްވަރަށް ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް ތަޖުރިބާތައް ރާއްޖޭގެ ރައްޔިތުންނަށާއި ފަތުރުވެރިންނަށް ފޯރުކޮށް ދޭންޖެހޭ ކަމަށެވެ. "އަޅުގަނޑުމެންގެ މިޝަންގެ އެންމެ މުހިންމުއެއް ކަމަކީ ކޮންމެ ފަތުރުވެރިއަށާއި ދިވެހި ރައްޔިތުންނަށް އަވަސް، އިތުބާރު ހިފޭ ކަނެކްޓިވިޓީ އަދި ސްމާޓް ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުން،" ހަމާދީ ވިދާޅުވި އެވެ. އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރުގައި އެންމެ ކުރީގައި އުޅޭ ކުންފުންޏެކެވެ.