ރާއްޖޭގެ އައުޓްލުކް "ސްޓޭބްލް"އަށް ބަދަލުކޮށްފި

އަވަސް

27 ނޮވެމްބަރު 2025 | ބުރާސްފަތި | 6:00

ދުނިޔޭގެ ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ 2 ގައި ދަމަހައްޓައި، ކުރިން އޮތް "ނެގެޓިވް" އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކޮށްފި އެވެ.

މޫޑީޒް އިން މިގޮތަށް ބަދަލުކުރިކުރުމަކީ ފާއިތުވި އަހަރުގެ ތެރޭގައި ރާއްޖެއިން ގެންގުޅެފައިވާ ހަރުދަނާ މާލީ ސިޔާސަތުތަކާއި، އަޅާފައިވާ ފިޔަވަޅުތަކާއި އަދި މިހާރުވެސް ތަންފީޒުކުރަމުންދާ ފިޔަވަޅުތަކުގެ ނަތީޖާއާ ގުޅިގެން އެކަންކަމަށް ބެލުމަށްފަހު އެވެ. ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލުކަން އިތުރުކުރުމަށް ރޭވުންތެރިކަމާއެކު ކުރަމުންދާ މަސައްކަތްވެސް މޫޑީޒް ފާހަގަކޮށްފައިވެ އެވެ. ފާއިތުވި އަހަރުތަކުގައި އާމްދަނީއާ ނުބައްދަލު މިންވަރަށް ސަރުކާރުގެ ހަރަދުތައް ބައްޓަން ކޮށްފައިވާތީ ހަރަދުތައް ފައިނޭންސް ކުރުމަށް ބޮޑު އަގުގައި ދަރަނި ނަގާފައިވާ މިންވަރު ހުރީ ވަރަށް މަތީގައެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ ފިސްކަލް ހާލަތު ދަށްވެ، ރާއްޖޭގެ މާލިއްޔާ އޮތީ ދަރަނި އަދާނުކުރެވޭ މިސްރާބެއްގައި ކަމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކުން އަންނަނީ ފާހަގަކުރަމުންނެވެ. ރާއްޖޭގެ އިގުތިސާދީ ހާލަތަށް ބަލައި މޫޑީޒްއިން ނެރުނު ބަޔާނުގައި ސްޓޭބަލްއަށް ބަދަލުކުރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މެކްރޮފިސްކަލް ހާލަތު ރަނގަޅުވުމެވެ. އެގޮތުން ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އެއާޕޯޓް ޓެކުހާއި ފީ، ގްރީން ޓެކްސް އަދި ޓީޖީއެސްޓީގެ ރޭޓުތައް މުރާޖައާކޮށް، ބޭރު ފައިސާގެ ގާނޫނާއި ގަވާއިދު ތަންފީޒުކޮށްފައިވުމުގެ ސަބަބުން ރަސްމީ ރިޒާވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ރަނގަޅުވަމުންދާ ކަން މޫޑީޒް ފާހަގަކޮށްފައިވެ އެވެ. މޫޑީޒް އިން ބުނި ގޮތުގައި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި މިދިޔަ އަހަރު ބޭރު ފައިސާގެ އަދަދު 15 މިލިއަން އެމެރިކާ ޑޮލަރުގައި ހުރުމަށްފަހު، މި ސަރުކާރުން ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތުތަކާއެކު މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް އެ އަދަދު 126 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ އިތުރުކޮށްފަ އެވެ. މީގެ އިތުރުން ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި، ހަރަދުތައް ހިފަހައްޓައި މި އަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކޮށްފައިވާ ކަމަށްވެސް ބުންޏެވެ. މޫޑީޒް އިން އިތުރަށް ބުނީ ރާއްޖެއަށް ބޭރުގެ ފަރާތްތަކުން ފައިނޭންސިން ހޯދޭ މިންވަރު ދަށްވެފައިވާ ކަމަށް މީގެ ކުރިން ބައިނަލްއަގްވާމީ މާލީ އިދާރާތަކުންނާއި ރޭޓިން އެޖެންސީތަކުން ފާހަގަކުރަމުން ދިޔަ ނަމަވެސް ދޭދޭ ގައުމުތައް މެދުވެރިކޮށް ބޭރުގެ ފައިނޭންސިން ހޯދާފައިވާކަމާއި، ބައިލެޓަރަލް ފަރާތްތަކުން ފައިނޭންސިން ހޯދުމުގެ ގާބިލްކަން ދައްކައިދީފައިވާ ކަމަށެވެ. ފިނޭންސް މިނިސްޓްރީން ބުނީ މާލީ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުތަކާއެކުވެސް ރާއްޖޭގެ އިގުތިސާދީ ދުވެއްޔަށް ނޭދެވޭ އަސަރެއް ކުރުމެއް ނެތި ބާރުމިނުގައި އިގުތިސާދު ކުރިއަރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އިޤްތިސާދުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލައި 10 އިންސައްތަ ވަނީ އިތުރުވެފަ އެވެ. މިއާއެކު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފަތުރުވެރިން ބެޑްނައިޓްސް، ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 7.2 އިންސައްތައިން ވަނީ ކުރިއާރާފަ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ 2026 އިން 2028 ވަނަ އަހަރަށް ފާސްކޮށްފައިވާ މެދުރާސްތާގެ ބަޖެޓުގައި ރާއްޖޭގެ އިގުތިސާދަށް ނޭދެވޭ އަސަރެއް ނުކުރާނެ ފަދަ މިންވަރަކަށް ސަރުކާރުގެ ޑެފިސިޓް ކުޑަކުރަމުން ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޖީޑީޕީގެ ނިސްބަތުން ޖުމުލަ ދަރަނި ދަށްކޮށް، ރާއްޖޭގެ ދަރަނީގެ ދެމެހެއްޓެނިވިކަން އިތުރުކުރުމުގެ ގޮތުން، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ގާއިމުކުރި މަގުސަދާ އެއްގޮތަށް، އެ ފަންޑަށް ޖަމާކުރަމުންދާ ބޭރު ފައިސާއިން ކޮންމެ އަހަރަކުވެސް އަދާކުރަންވާ ބޭރުގެ ދަރަނި އަނބުރާ ދެއްކުމަށް ރާވާފައިވާ ކަމަށް ސަރުކާރުން ބުންޏެވެ. މީގެ އިތުރުން ދަރަނީގެ މިންވަރު މަތިވެފައިވުމުގެ ސަބަބުން މޫޑީޒް އިން ދީފައިވާ ސީއޭއޭ 2ގެ ރޭޓިން ދަމަހައްޓާފައިވީ ނަމަވެސް 2026 ވަނަ އަހަރަށް ހަމަވާ 500 މިލިއަން ޑޮލަރުގެ ސުކޫކު އަދި އެހެނިހެން ދަރަނި އަދާކޮށް، މެދުރާސްތާގައި ދަރަނީގެ މިންވަރު ދަށްކުރެވޭނެ މިސްރާބަކަށް ގެނޭވޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މައުޟޫޢުތަށް