ނުރައްކާތެރިކޮށް ދުއްވުން ޖިނާއީ ކުށަކަށް ހަދައި، ބޮޑެތި އަދަބުތަކެއް
އަވަސް
27 ނޮވެމްބަރު 2025 | ބުރާސްފަތި | 11:00
ގަވާއިދާ ޚިލާފަށް އުޅަނދު ދުއްވާ ފަރާތްތަކަށް ބޮޑެތި އަދަބުތައް ކަނޑައެޅުމަށާއި މާލެ ސަރަހައްދުގެ އެއްގަމު އުޅަނދުގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ހާއްސަ ބިލެއް މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބެވެ. އެއްގަމު އުޅަނދުފަހަރާ ގުޅޭ ގާނޫނަކަށް މިހާރުވެސް އަމަލުކުރެއެވެ. އެކަމަކު ސަރުކާރުން ހުށަހަޅާފައިވަނީ މުޅިން އާ ގޫނޫނެއް ހަދަން ބޭނުވާތީ މުޅިން އާ ބިލެކެވެ. އެގޮތުން މިބިލްގައި އުޅަނދުތައް ރަޖިސްޓްރީ ކުރުމާއި އުޅަނދު ދުއްވުމާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް އަޅާނެ ފިޔަވަޅުތައް ހިމަނާފަ އެވެ. ބިލްގައިވާ ގޮތުން އެއްގަމު ދަތުރުފަތުރުގެ ގައުމީ ސްޓްރެޓެޖީއެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންޖެހެ އެވެ. އަދި ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ރޯޑް ސޭފްޓީ އެންޑް ޓްރެފިކް މެނޭޖްމަންޓް އެޑްވައިޒަރީ ކޮމިޓީއެއް ހަދަންޖެހެ އެވެ.
ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ އިތުރުން ބައިނަލްއަގްވާމީ ޑްރައިވިން ޕާމިޓެއް ދޫކުރެވޭނެ ކަމަށްވެސް ބިލްގައިވެ އެވެ. މަގުމަތީ ޓްރެފިކާބެހޭ ބައިނަލްއަގްވާމީ މުއާހަދާގައި ބައިވެރިވެފައިވާ ގައުމުތަކުގެ ސައްހަ ލައިސަންސަކާއެކު ރާއްޖޭގައި އުޅަނދު ދުއްވޭނެ ކަމަށާއި ލައިސަންސް ހިފެހެއްޓޭނެ ހާލަތުތައްވެސް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ފަރުވާ ކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް ދުއްވުމަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަގޮތަކަށް ދުއްވައިގެން ހިނގާ އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެނަމަ 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެކަން ވަނީ ބަޔާންކޮށްފައެވެ. އަދި އެފަދަ އެކްސިޑެންޓެއްގައި މީހަކަށް އަނިޔާއެއް ވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް، އެއްވެސް އަނިޔާއެއް ވެއްޖެނަމަ 5 އަހަރާ 10 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. ޖަލު ހުކުމާއެކު ލައިސަންސް ބާތިލުވާނެ ކަމަށާއި ލައިސަންސް އަލުން ދޫކުރެވޭނީ ޖަލު ހުކުމް ތަންފީޒުކުރުމަށްފަހު ކަމާ ގުޅޭ ވުޒާރާއިން އެކަމަށް ހާއްސަކޮށްގެން ހިންގާ ޕްރޮގްރާމް ފުރިހަމަ ކުރުމުންނެވެ.