ދިއްދޫގައި ބިނާކުރި އިސްލާމީ މަރުކަޒު ރަސްމީކޮށް ހުޅުވައިފި

އަވަސް

28 ނޮވެމްބަރު 2025 | ހުކުރު | 12:05

ހއ. ދިއްދޫގައި ބިނާކުރި އިސްލާމީ މަރުކަޒު ރަސްމީކޮށް ހުޅުވައިފި އެވެ.

އިސްލާމީ މަރުކަޒު ހުޅުވައިދެއްވީ އެ ތަނުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އިސްލާމީ މަރުކަޒުގެ މިސްކިތަށް ނަން ދީފައިވަނީ ނޮވެމްބަރު ތިނެއްގެ އުދުވާނުގައި ޝަހީދުވި ދިއްދު އަށް ނިސްބަތްވެލައްވާ ޝަހީދު އުމަރު އަހްމަދުގެ ނަމުންނެވެ. ޝަހީދު އުމަރު އަހްމަދުގެ ނަން ދިއްދޫ އިސްލާމީ މަރުކަޒަށް ކިޔާފައިވަނީ ނޮވެމްބަރު ތިންވަނަ ދުވަހުގެ ހަމާލަގައި އޭނާ ޝަހީދުވިއިރު މާލެ އިސްލާމީ މަރުކަޒުގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރަމުން ގޮސްފައިވާތީ އެކަން ފާހަގަކުރުމުގެ ގޮތުންނެވެ.

ހއ. ދިއްދޫ އިސްލާމީ މަރުކަޒަކީ ގިނަ ވަސީލަތްތަކަކާއެކު ތަރައްގީ ކޮށްފައިވާ އިސްލާމީ މަރުކަޒެކެވެ. މި މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން އިސްލާމީ ކުތުބުޚާނާއާއި، ކީރިތި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރަކާއި، މަލްޓިޕާޕަސް ހޯލަކާއި، ސެމިނަރ ރޫމަކާ އަދި އިދާރީ އޮފީހެއް ހިމެނެ އެވެ. ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވާފައިވަނީ ހުރިހާ ވަސީލަތެއް ގާއިމުކޮށް ފުރިހަމަ ކުރުމަށްފަހު އެވެ. އިސްލާމީ މަރުކަޒުގެ ބޭނުން ކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ލިފްޓުވެސް ހަރުކޮށްފައިވެ އެވެ.

މައުޟޫޢުތަށް