ރޯދައިގެ ކުރިން 15 މިސްކިތެއް ހުޅުވަނީ
އަވަސް
28 ނޮވެމްބަރު 2025 | ހުކުރު | 4:27
ކުރިއަށް އޮތްް ރޯދަ މަހުގެ ކުރިން 15 މިސްކިތެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހއ. ދިއްދޫގައި ބިނާކުރި އިސްލާމީ މަރުކަޒު މިއަދު ހުޅުވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ރަމަޟާން މަހުގެ ކުރިން ގިނަ މިސްކިތްތަކެއް ހުޅުވުމަށް ކަމަށެވެ. އެގޮތުން ސަރުކާރާއި ހެޔޮ އެދޭ ފަރާތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މަޝްރޫއުތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫއު ނިމި ރަމަޟާން މަހުގެ ކުރިން ހުޅުވިގެންދާނެ ކަމަށް ވިދާޅުވި އެވެ. މީގެ ތެރޭގައި މާލޭގެ މިސްކިތަކާއި، ހުޅުމާލެ ފޭސް 2ގެ މިސްކިތްތެއް ވެސް ހިމެނޭނެ ކަމަށާއި އަދި ހުޅުމާލެ ފޭސް ދޭއްގައި ދާއިމީ މިސްކިތް މަދުކަމުން ދިމާވެފައިވާ ދަތިކަން ހަލުކުރުމަށްޓަކައި އެތަނުގައި ދާއިމީ އިތުރު މިސްކިތްތަކެެއް ބިނާކުރުމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ސަރުކާރުން ބިނާކުރުމުގެ މަގުސަދަކީ ރާއްޖޭގެ ކަންކޮޅުތަކުގައި އިސްލާމީ އެެއްބައިވަންތަކަން ގާއިމުކޮށް އިސްލާމީ ހިދާޔަތާއި ނޫރާއި ސަގާފަތު ފެތުރުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.