ޖަޕާނުން ދިވެހި ފުލުހުންނަށް ކަނޑު އުޅަނދުތަކެއް ހަދިޔާކޮށްފި

އަވަސް

28 ނޮވެމްބަރު 2025 | ހުކުރު | 7:00

ޖަޕާނުން ދިވެހި ފުލުހުންނަށް އަނެއްކާވެސް ކަނޑު އުޅަނދުތަކެއް ހަދިޔާކޮށްފި އެވެ.

ޖަޕާން ސަރުކާރުން މިފަހަރު ހަވާލުކުރީ ފަސް ލޯންޗާއި ތިން ރިޖިޑް ހަލްޑް އިންފްލޭޓަބަލް ބޯޓު (އާރުއެޗްއައިބީ) އެވެ. މިތަކެތި ފުލުހުންނާ ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރޫމިކޯ އެވެ. ޖަޕާން އެމްބަސީން ބުނީ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ ޕްރޮގްރާމުގެ ދަށުން ދިން އެ ހިލޭ އެހީގެ މަގުސަދަކީ ރާއްޖޭގައި މަސައްކަތް ކުރުމުގެ ގާބިލްކަން އިތުރުކުރުމާއި، ކަނޑުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުން ކަމަށެވެ. ފުލުހުންނަށް އިއްޔެ ހަދިޔާކުރި އުޅަނދުތަކަކީ 2022ގެ މެއި މަހު ސޮއިކުރި އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުގެ ބައެކެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އިގުތިސޯދީ އަދި އިޖުތިމާއީ ތަރައްގީ އިތުރަށް ކުރިއެރުވުމަށް 650 މިލިއަން ޖަޕާނީސް ޔެން ނުވަތަ 5.1 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 78.6 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީ ފޯރުކޮށް ދޭނެ އެވެ. ޖަޕާން އެމްބަސީން ބުނީ ހަދިޔާކުރާ އުޅަނދުތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާ ކަނޑުގެ އެކްސިޑެންޓުތަކަށާއި އެހެނިހެން ސަލާމަތީ ކަންކަމަށް އަވަހަށް އަދި ފަސޭހައިން އެޓެންޑުވުމަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި އެ އުޅަނދުތަކުގެ ސަބަބުން، ފުލުހުންގެ ހިދުމަތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދުވަހުން ދުވަހަށް ކުރާ ފުލުހުންގެ މަސައްކަތްތައް ހަރުދަނާވެ، ހެޔޮގޮތުގައި ކުރިއަށް ގެންދެވޭނެ ކަމަށްވެސް ޖަޕާނު ސަރުކާރުން ބުނެ އެވެ. ޖަޕާނުން މީގެ ކުރިންވެސް އެކި ފަހަރު މަތިން ދިވެހި ފުލުހުންނަށް އެކި ވަސީލަތްތައް އެހީގެ ގޮތުގައި ފޯރުކޮށް ދީފަ އެވެ.

މައުޟޫޢުތަށް