ނަޝީދަށް އިންޒާރު ދިން މީހަކު 10 އަހަރަށް ޖަލަށްލުމަށް ހުުކުމްކޮށްފި

އަވަސް

28 ނޮވެމްބަރު 2025 | ހުކުރު | 6:00

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މީހަކު 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ބުދަ ދުވަހު މިމައްސަލައިގައި ހުކުމް އިއްވީ ހ. ލައިޓްނައިޓް، އިސްމާއިލް ޔާފިސްގެ މައްޗަށެވެ. އޭނަގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އައީ 2021 ވަނަ އަހަރު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތައް ބޭނުންކޮށްގެން ރައީސް ނަޝީދަށް އިންޒާރު ދިން މައްސަލައިގައި ކުށް ސާބިތުވުމާ ގުޅިގެންނެވެ. ސޯޝަލް މީޑިއާގެ އިތުރުން ފުލުހުންގެ ތަހުގީގާއި ޝަރީއަތުގެ މަޖިލީހުގައިވެސް ޔާފިސް، ނަޝީދު އަވަހާރަކޮށްލަން ހަމަލާތަކެއް ދޭނެ ކަމަށް ބުނެފައިވެ އެވެ. މިމައްސަލައިގައި ޔާފިސްގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އާއި ޓެރަރިޒަމްގެ ހަމަލާއެއް ހިންގާނެކަމުގެ އިންޒާރު ދިނުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އެވެ. ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރި މައްސަލައިގައި ޔާފިސް މައްޗަށް ދެ އަހަރުގެ ހުކުމެއް އިއްވިއިރު، ޓެރަރިޒަމްގެ އަމަލެއް ހިންގާނެކަމުގެ އިންޒާރު ދިން މައްސަލައިގައި އިއްވީ ތިން އަހަރުގެ ހުކުމެކެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިން މައްސަލައިގައި އިއްވީ ފަސް އަހަރުގެ ހުކުމެކެވެ.

މައުޟޫޢުތަށް