ފަލަސްތީނުގެ ހައްގުތައް ރައްކާތެރިކުރަން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވައިފި
އަވަސް
29 ނޮވެމްބަރު 2025 | ހޮނިހިރު | 5:22
ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގުވާމީ ދުވަސް މިއަދު ރާއްޖޭގައި ފާހަގަކުރަމުންދާއިރު މި އެއްބައިވަންތަކަން ހަގީގީ އަދި މާނަވީ އަމަލުތަކަކަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވައިފި އެވެ.
ރާއްޖޭގައި 1982 ވަނަ އަހަރުން ފެށިގެން މި ދުވަސް ފާހަގަކުރަމުން އައި ނަމަވެސް މިއަދު މި މުނާސަބާ ވަށާލެވިފައިވަނީ ހިތާމައިގެ އަސަރުތަކުން ކަމުގައި ރައީސް މުއިއްޒުގެ މެސެޖުގައި ވިދާޅުވި އެވެ. އިޒްރޭލުގެ އަނިޔާވެރިކަމާއި، އާބާދު ފުޅާކުރުމުގެ ގައިރުގާނޫނީ ޖަރީމާ ކުށްވެރިކުރައްވަމުން ރައީސް ވަނީ ހަނގުރާމަ ހުއްޓާލުމުގެ ނާޒުކު ހާލަތު ދޭހަކޮށް ދެނީ ހަމަނުޖެހުންތަކަށް ކުރު މުއްދަތެއްގެ މެދުކެނޑުމަކުން ދާއިމީ ރައްކާތެރިކަމެއް ނުދެވޭނެކަން ކަމުގައި ފާހަގަކުރައްވާފަ އެވެ. ފަލަސްތީނުގެ ބިމުގައި އެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަކުލީފުތަކަށް އަލިއަޅުއްވާލައްވަމުން، ފުރާނަ ގެއްލި ދިއުމާއި ގެދޮރު ސުންނާފަތިވެ ދިއުމުގެ ނުތަނަވަސްކަމަކީ ފަލަސްތީނުގެ ރައްޔިތުން ކޮންމެ ދުވަހަކު ކުރިމަތިލާ ތަކުލީފުތަކެއް ކަމުގައި ވިދާޅުވި އެވެ. ރައީސްގެ މެސެޖުގައި ސުލްހަވެރިކަމަކީ ހަމައެކަނި ހަމަނުޖެހުންތައް ނެތިގެން ދިއުމެއް ނޫންކަމަށާއި އަދުލު އިންސާފު ގާއިމުކުރުން ކަމުގައި ވިދާޅުވި އެވެ. އަދި ކަރާމާތާއި އަބުރުވެރިކަން ކަށަވަރުކުރުމުގައި އެއްވެސް ބަޔަކު އެކަހެރިކުރެވިގެން ނުވާނެކަމުގައިވެސް ވިދާޅުވި އެވެ. ރައީސް މުއިއްޒުގެ މެސެޖުގައި ވަނީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކާއެކު އިރުމަތީ ގުދުސްއަކީ ވެރިރަށުގެ ގޮތުގައި، ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެކަމުގެ ޔަގީންކަން ތަކުރާރުކުރައްވާފަ އެވެ. އަދި ފަލަސްތީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދޭންޖެހޭކަމަށާއި ފަލަސްތީނުގެ ސިޔާދަތާއި އިގުތިސާދީ ކުރިއެރުމަކީ، އެއްވެސް ޝަރުތެއް ނެތި ކަށަވަރުކޮށްދޭން ޖެހޭ ކަންތައްތަކެއްކަމުގައިވެސް ވިދާޅުވި އެވެ. ރައީސްގެ ރަސްމީ އެކްސް އެކައުންޓުގައި މި ޝުޢޫރު ތަކުރާރުކުރައްވަމުން އެމަނިކުފާނު ވަނީ، ފަލަސްތީނުގެ މައްސަލައަކީ ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން އެންމެން ގުޅިގެން ހައްލު ހޯދައިދޭންޖެހޭ ކަމެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމުގައި ވިދާޅުވެފަ އެވެ. ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގުވާމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ ނޮވެމްބަރު މަހެއްގެ 29 ވަނަ ދުވަހެވެ.