"އެމްޑީޕީ މިވަގުތު ތަޖުރިބާ ކުރަނީ އުނދަގޫ ދުވަސްތަކެއް"

އަވަސް

29 ނޮވެމްބަރު 2025 | ހޮނިހިރު | 4:00

ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ -- އެމްޑީޕީ މިވަގުތު ތަޖުރިބާ ކުރަމުންދަނީ އުނދަގޫ ދުވަސްތަކެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީއަށް ޗެއާޕާސަނަކު ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތުގައި ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައި ވަނިކޮށެވެ. އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީ މިވަގުތު ތަޖުރިބާ ކުރަނީ އުނދަގޫ ދުވަސްތަކެއް ކަމަށާއި ނަމަވެސް މި ހާލަތުން އެމްޑީޕީ އަރައިގަންނާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. "މިއަދު އެމްޑީޕީގެ ވަރަށް ގިނަ މެމްބަރުން އެ ބުނަމުން ދަނީ މުހިއްމީ ޕާޓީގެ އެއްބައިވަންތަކަން ކަމަށް،" ނަޝީދު ވިދާޅުވި އެވެ. އެމްޑީޕީއަށް ވަގުތީ ޗެއާޕާސަނަކު ހޮވަން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިސް ހޫނުވެ އެ މަގާމަށް މީހަކު ހޮވޭ ގޮތެއް ނުވި އެވެ. ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާއަށް ޗެއާޕާސަންގެ މަގާމަށް ތިން މެންބަރެއްގެ ނަން ހުށަހަޅައި ތާއީދު ލިބުނެ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމާއި، ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ވަހީދު (ވައްޑެ) އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ. ވަހީދުއަށް ގައުމީ މަޖިލީހުގެ 47 މެންބަރުންގެ ތާއީދު ލިބުނު ނަަމަވެސް އޭނާ އެ މަގާމަށް ހޮވަން 48 ވޯޓު ބޭނުންވެ އެވެ. އެހެންވެ ރިޔާސަތުން ނިންމީ އޭނާ މަގާމަށް އައްޔަން ކުރަން ބޭނުންވާ އަދަދަށް ވޯޓު ނުލިބޭ ކަމަށެވެ. އަނެއް ދެ ނަމަށް ވޯޓަށް އަހަން ރިޔާސަތުން ތައްޔާރުވުމުން ގައުމީ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ޖަލްސާ ދޫކޮށް ނިކުތުމާ ގުޅިގެން ނިޒާމު ގެއްލިފައިވާ ކަމަށް ކަނޑައަޅައި ރޭގެ ޖަލްސާ ވަނީ ހުއްޓާލާފަ އެވެ.

މައުޟޫޢުތަށް