ކުރީގެ ނައިބް ރައީސުންގެ އިނާޔަތް 30،000 ރުފިޔާއަށް ބޮޑުކުރަނީ

އަވަސް

29 ނޮވެމްބަރު 2025 | ހޮނިހިރު | 7:40

ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށްފައިވާ ބޭފުޅުންނަށް ދޭން ކަނޑައެޅި އިނާޔަތް 30،000 ރުފިޔާއަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަން ކުރައްވާފައިވާ ބޭފުޅުން މިހާތަނަށް ދައުލަތުން އެއްވެސް އެލަވަންސެއް ނުދެ އެވެ. އެހެންވެ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަން ކުރައްވާފައިވާ ބޭފުޅުންނަށް އެލަވަންސެއް ދިނުމަށާއި ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް މުރާޖައާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާހުތަކެއް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އެވެ. ބިލްގައި ވަނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މުޖުތަމައަށް ފައިދާހުރި އިޖުތިމާއީ މަސައްކަތެއް ކުރުމަށްޓަކައި އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި، މަސައްކަތް ކުރާނެ އޮފީހަކާއި، މުވައްޒަފުންނާއި އެހެނިހެން ކަންކަން ހަމަޖެއްސުމަށްޓަކާ މަހަކު 175،000 ރުފިޔާއާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެ ކަމަށް ބުނާ މާއްދާ އުނިކުރަން ހުށަހަޅާފަ އެވެ.

އެ މާއްދާގެ ބަދަލުގައި މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަން ކޮށްފައިވާ މީހަކަށް ރައްކާތެރިކަމާއި އިނާޔަތްތައް ދިނުމަށް މާއްދާއެއް އިތުރުކުރަން ހުށަހަޅާފަ އެވެ. އެގޮތުން ހުށަހަޅާފައިވާ މާއްދާގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަން ކޮށްފައިވާ މީހަކަށް މާލީ އިނާޔަތެއްގެ ގޮތުގައި މަހަކު 25،000 ރުފިޔާ ދެވޭނެ އެވެ. އަދި ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ލިބިދެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށްވެސް ބިލްގައިވެ އެވެ. އެކަމަކު މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަން ކޮށްފައިވާ މީހަކަށް ދޭ އިނާޔަތް 30،000 ރުފިޔާއަށް ބޮޑުކުރަން ހުށަހަޅާފަ އެވެ. އެގޮތަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު މަމްދޫހު އެވެ. އެ ހުށަހެޅުން ފާސްވީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަން ކޮށްފައިވާ މީހަކު އެ މަގާމުން ވަކިވުމަށްފަހު، އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ދައުލަތުގެ އެއްވެސް މަގާމަކާ ހަވާލުވެއްޖެނަމަ އެ މަގާމު އަދާކުރަމުންދާ މުއްދަތުގައި މާލީ އިނާޔަތް ދިނުން މެދުކަނޑާލުމަށްވެސް ބިލްގައިވެ އެވެ. ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބް މަގާމުގައި ހުންނެވިއިރު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ވަގުތުން ފެށިގެން އޭނާއާ އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް އެ ގާނޫނުގެ ދަށުން ލިބިދެވޭނެ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެ ކަމަށްވެސް ބިލްގައިވެ އެވެ. އަދި ގައުމަށް ދިމާވާ އިގްތިސާދީ ތަދުމަޑުކަމަކާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކޮންމެހެން ކުޑަކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، އިނާޔަތްތަކަށް ބަދަލު ގެނައުމުގެ އިހުތިޔާރު ސަރުކާރަށް ލިބިގެންވާ ކަމަށްވެސް އިސްލާހުގައިވެ އެވެ. އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ހަ ބޭފުޅަކު ކުރެއްވި އެވެ. އޭގެތެރެއިން ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވީ ފައިސަލް ނަސީމް އެކަންޏެވެ.

މައުޟޫޢުތަށް