އެމްޑީޕީގެ ޗެއާޕާސަން ކަމަށް މީކާއިލް ވާދަކުރައްވަނީ

އަވަސް

29 ނޮވެމްބަރު 2025 | ހޮނިހިރު | 8:00

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވާދަކުރެއްވުމަށް ނިންމަވައިފި އެވެ.

އެމްޑީޕީގެ އިދާރީ އެންމެ އިސް އެއް މަގާމު ކަމަަށްވާ ޗެއާޕާސަންގެ މަގާމު ހުސްވީ ކުރިން އެ މަގާމު ހުންނެވި ފައްޔާޒް އިސްމާއިލް މިދިޔަ އާދީއްތަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޗެއާޕާސަން ކަމަށް ވާދަކުރައްވާނެކަން ހާމަކުރައްވަމުން މީކާއިލް މިއަދު ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕުން އާ ޖީލަކަށް ފުރުސަތު ހޯދުމުގެ މުހިއްމު މަސައްކަތުގައި އެމްޑީޕީގެ އާންމު މެންބަރުންގެ އެއްބާރުލުމާއި ތާއީދަށް އެދޭ ކަމަށެވެ. އެމްޑީޕީއަށް ވަގުތީ ޗެއާޕާސަނަކު ހޮވަން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިސް ހޫނުވެ އެ މަގާމަށް މީހަކު ހޮވޭ ގޮތެއް ނުވި އެވެ. ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާއަށް ޗެއާޕާސަންގެ މަގާމަށް ތިން މެންބަރެއްގެ ނަން ހުށަހަޅައި ތާއީދު ލިބުނެ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމާއި، ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ވަހީދު (ވައްޑެ) އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ. ވަހީދުއަށް ގައުމީ މަޖިލީހުގެ 47 މެންބަރުންގެ ތާއީދު ލިބުނު ނަަމަވެސް އޭނާ އެ މަގާމަށް ހޮވަން 48 ވޯޓު ބޭނުންވެ އެވެ. އެހެންވެ ރިޔާސަތުން ނިންމީ އޭނާ މަގާމަށް އައްޔަން ކުރަން ބޭނުންވާ އަދަދަށް ވޯޓު ނުލިބޭ ކަމަށެވެ. އަނެއް ދެ ނަމަށް ވޯޓަށް އަހަން ރިޔާސަތުން ތައްޔާރުވުމުން ގައުމީ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ޖަލްސާ ދޫކޮށް ނިކުތުމާ ގުޅިގެން ނިޒާމު ގެއްލިފައިވާ ކަމަށް ކަނޑައަޅައި ރޭގެ ޖަލްސާ ވަނީ ހުއްޓާލާފަ އެވެ.

މައުޟޫޢުތަށް