ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި
އަވަސް
30 ނޮވެމްބަރު 2025 | އާދިއްތަ | 1:00
އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނައިގެ ދައުވަތަކަށް، ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް (އެސްއެމްއައި) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ހައި-ލެވެލް ބްރީފިން އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ފުރާވަޑައިގަންނަވައިފި އެވެ.
މި ބައްދަލުވުމުގައި، ބައިނަލްއަގްވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި، ދުނިޔޭގެ ބޮޑެތި މާލީ މުއައްސަސާތަކުގެ ވެރީން ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާނީ މޫސުމީ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ބައިނަލްއަގްވާމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށާއި، ދެމެހެއްޓެނިވި ތަރައްގީގެ ދުވެލި އަވަސްކުރުމަށް، ބައިނަލްއަގްވާމީ ގުޅުންތައް އިތުރަށް ހަރުދަނާކޮށްގެން، ޕްރައިވެޓް ކެޕިޓަލް ބޭނުންކުރެވިދާނޭ ގޮތްތަކާ މެދުގައެވެ. ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް އަކީ އިނގިރޭސި ރަސްގެފާނުގެ ތަސައްވުރެއްގެ މައްޗަށް ބިނާކުރައްވާފައިވާ، އެމަނިކުފާނުގެ އިސްނެންގެވުމެކެވެ. މިއީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގެ މަސައްކަތްތަކުގައި އަމިއްލަ ވިޔަފާރިތައް ހަރަކާތްތެރިކުރުވާ މަންސައެކެވެ. އެގޮތުން އަމިއްލަ ވިޔަފާރި ކުންފުނިތަކުގެ ވެރީންނާއި، ބައިނަލްއަގްވާމީ ފެންވަރުގައި ނިންމުންތައް ނިންމާ ފަރާތްތަކުން ހިންގާ އިގްތިސާދީ ހަރަކާތްތަކަކީ ދެމެހެއްޓެނިވިކަމުގެ މައްޗަށް ބިނާކުރާ ހަރަކާތްތަކަކަށް ހެދުމަށް އެސްއެމްއައި އިން ބާރު އަޅަ އެވެ. އަދި އަމިއްލަ ވިޔަފާރިތަކުން ކުރާ ދުރު ރާސްތާ މަސައްކަތްތަކަކީ ތިމާވެށީގެ ގޮތުން ޒިންމާދާރު އަދި ގައުމީ ފެންވަރުގެ މޫސުމީ އަޒުމުތަކާއި "1.5 ޑިގްރީ ސެލްސިއަސް ޕާތުވޭ" އަށް ވާސިލުވުމަށް ކުރާ މަސައްކަތްތަކާ އެއްއުއިވާ މަސައްކަތްތަކަކަށް ހެދޭނޭ މަގު ދައްކައިދިނުމަކީ، އެސްއެމްއައިގެ އަމާޒެކެވެ.