ލަންކާއަށް އެހީވުމަށް ޓެލެތޯނެއް ބާއްވަނީ
އަވަސް
29 ނޮވެމްބަރު 2025 | ހޮނިހިރު | 9:00
ސްރީލަންކާއަށް އެރި ބާރުގަދަ ތޫފާން -- ދިތުވާއާ ގުޅިގެން އެ ގައުމުން އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ހާލުގައި ޖެހިފައިވާތީ ދައުލަތުގެ މީޑިއާ -- ޕީއެސްއެމް އިން އިސްނަގައިގެން ޓެލެތޯނެއް ބޭއްވުމަށް ނިންމައިފި އެވެ.
މި ޓެލެތޯން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މާދަމާ ހެނދުނު 9:00 އިން މެންދަމު 01:00ގެ ނިޔަލަށެވެ. ޕީއެސްއެމް އިން ބުނީ ސްރީލަންކާއަކީ ރާއްޖެއާ އެންމެ ގާތް އަދި އެންމެ އެކުވެރި އެއް ގައުމު ކަމަށްވާތީ އެ ގައުމަށް ކުރިމަތިވެފައިވާ ހިތާމަވެރި ހާލަތުގައި ދިވެހިންގެ ފަރާތުން ދެވެން އޮތް އެހީތެރިކަމެއް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ދެކޭ ކަމަށެވެ. ޕީއެސްއެމުން ވަނީ ޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ މީޑިއާތަކަށްވެސް ހުޅުވާލާފަ އެވެ. އަދި ޓެލެތޯނުގައި ޖަމިއްޔާ ޖަމާއަތްތަކާއި ކްލަބް އަދި އޮފީސްތަކަށްވެސް ބައިވެރިވެވޭނޭ ކަމަށް ބުންޏެވެ. ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 69 މީހުން މަރުވެ 34 މީހަކު ވަނީ ގެއްލިފަ އެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާއިރު ލަންކާގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފަ އެވެ.