ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެމްޕެއިން މެނޭޖަރަކަށް ފަލާހް
އަވަސް
30 ނޮވެމްބަރު 2025 | އާދިއްތަ | 6:46
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެމްޕެއިން މެނޭޖަރަކަށް އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ހަމަޖައްސައިފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް 28 ވަނަ ދުވަހު އެވެ. އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލުމަށް ނިންމާފައިވަނީ ޖެނުއަރީ 17 ގަ އެވެ. އަންނަ އަހަރު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވާއިރު ކައުންސިލަރުންގެ އަދަދު މަދުކުރަން ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެގޮތުން 2،000 އަށް ވުރެ ބޮޑު އާބާދީ ހިމެނޭ ރަށްތަކަށް ފަސް ކައުންސިލަރުން އަދި 2،000 އަށް ވުރެ ކުދި އާބާދީގެ ރަށްތަކަށް ތިން ކައުންސިލަރުން ހޮވާ ގޮތަށް ގާނޫނު ވަނީ އިސްލާހުކޮށް މަޖިލީހުން ފާސްކޮށްފަ އެވެ. މީގެ އިތުރުން ތިން ކައުންސިލަރުން އިންތިހާބުކުރާ ރަށްރަށުގެ ކައުންސިލުން އެއް ގޮނޑި އަންހެނުންނަށް ހާއްސަ ކުރާއިރު ފަސް ކައުންސިލަރުން އިންތިހާބުކުރާ ރަށްރަށުން ދެ ގޮނޑި އަންހެނުންނަށް ހާއްސަ ކުރަންވެސް ވަނީ ފާސްކޮށްފަ އެވެ.