އެސްޓީއޯއާއި ހިޓާޗީގެ 25 އަހަރުވީ ޕާޓްނާޝިޕް ކުލަގަދަކޮށް ފާހަގަކޮށްފި
އަވަސް
30 ނޮވެމްބަރު 2025 | އާދިއްތަ | 7:06
އެސްޓީއޯގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ ހިޓާޗީގެ ޕާޓްނާޝިޕަށް 25 އަހަރު ފުރުމުގެ މުނާސަބާ ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފި އެވެ.
މި މުނާސަބާ ފާހަގަ ކުރުމަށްޓަކައި ހުކުރު ދުވަހުގެ ރޭ ބާސެލޯ ނަސަންދުރާގައި ވަނީ ވަރަށް ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ. ގަރުނަކަށް ވުރެ ގިނަ ދުވަސްވީ ހިޓާޗީ ކުންފުންޏަކީ ފެށުނީއްސުރެ ދުނިޔޭގެ ބާޒަރުގައި ނަން ވިދަމުން އަންނަ އިތުބާރު ހިފޭ ކުންފުންޏެކެވެ. މި ކުންފުނީގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފް ކުރެވުމާއިއެކު ދިވެހީންގެ މެދުގައިވެސް މި ބްރޭންޑުގެ އުފެއްދުންތައް ވަނީ ބޮޑު މަގުބޫލުކަމާއި އިތުބާރެއް ހޯދާ، އަދި މިއަދާއި ހަމައަށްވެސް އެ އިތުބާރު ދަމަހައްޓާފަ އެވެ. އެގޮތުން ހިޓާޗީ އޭސީތަކާއި އައިސްއަލަމާރިތައް ފަދަ ޕްރޮޑަކްޓްތަކަކީ ގިނަބަޔެއްގެ ގެތަކުން މިހާރުވެސް ޖާގަ ހޯދަމުން އަންނަ އުފެއްދުންތަކެކެވެ. މި ހަފްލާއަކީ އެސްޓީއޯ އާއި ހިޓާޗީ އާ ދެމެދު އުފެދިފައިވާ 25 އަހަރުވީ ގާތް ގުޅުމުގެ އަލިގަދަ ރަމްޒެއް ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.
މި ހަފްލާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ ޖަޕާނުން ރާއްޖެއަށް ކަނަޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ. މި ހަފުލާގައި ހިޓާޗީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރާއި ކުންފުނީގެ އިތުރުން ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން އެސްޓީއޯގެ ޗެއާމަން އާމިރު މަންސޫރު އާއި އެސްޓީއޯގެ ބޯޑު މެމްބަރުންނާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އަދި އެސްޓީއޯގެ ކުރީގެ ބައެއް އިސް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. މި ހަފްލާގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އާއި ހިޓާޗީގެ މެނޭޖިންގް ޑިރެކްޓަރު ޔޮޝިޔޫކީ ބަންޑޯ އާއި އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޝިމާދު އަދި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގްގެ ޑިރެކްޓަު އިބްރާހިމް މިރްޒާގު ވަނީ ވާހަކަދައްކަވާފަ އެވެ.