ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޕްރައިމަރީއަށް ހުޅުވާލަނީ
އަވަސް
30 ނޮވެމްބަރު 2025 | އާދިއްތަ | 4:40
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރުމަށް ބާއްވާ ޕްރައިމަރީއަށް މާދަމާ ހުޅުވާލަން ނިންމައިފި އެވެ.
ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި ކައުންސިލް އިންތިހާބުގެ ކެމްޕޭން މެނޭޖަރު އިބްރާހީމް ފަލާހު ވިދާޅުވީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ޑިސެމްބަރު 15 ވަނަ ދުވަހު 6:00 އާ ހަމައަށް އޮންނާނެ ކަމަށެވެ. ފަލާހް ވިދާޅުވީ ޕާޓީގައި ނުހިމެނޭ ބޭފުޅުންނަށްވެސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި ނަމަވެސް އެ ބޭފުޅުން މި މުއްދަތުގައި ޕީއެންސީގެ މެންބަރަކަށްވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ޕީއެންސީގެ ޕްރައިމަރީ ޑިސެމްބަރު 27 ވަނަ ދުވަހު ބާއްވާއިރު ވޯޓުލުން އޮންނާނީ އެ މީހަކު ރަޖިސްޓްރީވެފައި އޮންނަ ރަށެއްގައި ހުންނަ ވޯޓު ފޮއްޓަށް ކަމަށް ފަލާހު ވިދާޅުވި އެވެ.