އުރީދޫގެ އާންމު ހިއްސާދާރުންގެ ޑިރެކްޓަރު ކަމަށް ހުޅުވާލައިފި

އަވަސް

30 ނޮވެމްބަރު 2025 | އާދިއްތަ | 5:15

އުރީދޫ މޯލްޑިވްސް ޕލކ އިން އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލައި އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ބާއްވާ ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ ކުންފުނީގެ ބޯޑުގައި ޖެންޓާ ޑައިވަސިޓީ ހިމެނުމަށް ބާރުއެޅުމުގެ ގޮތުން ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށް އަންހެން ބޭފުޅުން ކުރިމަތިލުމަކީ ކުންފުނިން މަރުހަބާ ކިޔައި ހިތްވަރުދޭ ކަމެއް ކަމަށެވެ. ބޯޑު ޑިރެކްޓަރު ކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް، އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމެޓީއިން ބަލައި، ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެ ކޮމެޓީން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެ އެވެ. އަދި އަންނަ އަހަރުގެ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސްއާއި އެޖެންޑާއާއެކު، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ބޯޑަށް އިންތިހާބުކުރަން ޝަރުތު ހަމަވާ ފަރާތްތަކުގެ މައުލޫމާތު، ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް އާންމުކޮށް އަންގައި 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިއުލާނު ކުރާނެ ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ. ކުންފުނީގެ ހިންގާ ގަވާއިދުގެ 102 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، އާންމު ހިއްސާދާރުން ހޮވާ ޑިރެކްޓަރު އެމަގާމުގައި ދެމިހުންނާނީ ޑިރެކްޓަރުކަމަށް އިންތިޚާބުކުރެވޭ އަހަރީ އާންމު ޖަލްސާއިން ފެށިގެން ތިންވަނަ އަހަރީ އާންމު ޖަލްސާގެ ނިމުމާ ހަމައަށެވެ. އެހެންކަމުން، 2026 ވަނަ އަހަރުގެ މާރިޗު މަހުގައި ބާއްވާ އަހަރީ އާންމު ޖަލްސާގައި އިންތިޚާބުކުރާ ޑިރެކްޓަރު، އެ މަގާމުގައި ދެމިހުންނާނީ 2028 ވަނަ އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާ ނިމުމާ ހަމައަށެވެ. އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓުން ލިބޭނެ އެވެ. އެޕްލިކޭޝަން ފޯމު ހުށަހަޅާނީ ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސް (ގްރައުންޑް ފްލޯ) އަށެވެ. އަދި ފޯމު އީމެލް ކުރައްވާނަމަ، [ ] އަށް އީމެއިލް ކުރުމަށް އުރީދޫން ވަނީ އެދިފަ އެވެ. އުރީދޫ މޯލްޑިވްސް ޕލކ އިން އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލައި އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ ޖެނުއަރީ 4، 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 އެވެ.

މައުޟޫޢުތަށް