މަސްތުވާތަކެއްޗާއި ހަށިވިއްކުމުގެ ވިޔަފާރީގައި އުޅޭ ބަޔަކު ހައްޔަރުކޮށްފި

އަވަސް

1 ޑިސެމްބަރު 2025 | ހޯމަ | 9:30

މަސްތުވާތަކެއްޗާއި ހަށިވިއްކުމުގެ ވިޔަފާރީގައި އުޅޭ ބަޔަކު ހައްޔަރުކޮށްފި އެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. ރަސްގެތީމު، ކިއުބާ، ހުސައިން ސޮލާހު (40އ) އާއި، އުޒްބެކިސްތާނުގެ 4 އަންހެނުން ކަމަށްވާ ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ (40އ) އާއި، ޑިލްޑޯރާ އެގަމްނަޒޮވާރާ (31އ) އާއި، ޝަހުޒޮޑަޚޮން ރުސްތަމޯވާ (28އ)ގެ އިތުރުން އުމިޑަބޮނޫ ނެމަޓޯވާ (34އ) އެވެ. ފުލުހުން ބުނީ މި މީހުން ހައްޔަރުކުރީ ދިވެއްސަކާއި ބިދޭސީއަކު ގުޅިގެން ދިވެހިރާއްޖެއަށް ބިދޭސީ އަންހެނުން ގެނެސް، ފައިސާއަށް ހަށިވިއްކުމާއި، ފައިސާތައް ބޭނުންކުރުމާއި، މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ނޮވެމްބަރު 29 ވަނަ ދުވަހުގެރޭ 9:49 ހާއިރު ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި ފަސް މީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް ދޭއްގެ ހިޔާ 12 ވަނަ ޓަވަރުގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް ކުށުގެ ވެށިންނެވެ. އަދި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ހުސައިން ސޮލާހު އާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަކީ މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. ފުލުހުން ބުނީ އެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު 19،100 އަށް ވުުރެ އެމެރިކާ ޑޮލަރާއި 18،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ހުސައިން ސޮލާހު އާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާއަށް 10 ދުވަހުގެ މުއްދަތެއް އަދި އަނެއް ތިން އަންހެނުންނަށް ފަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

މައުޟޫޢުތަށް