އެންމެ ބޮޑު އެއް ޑްރެޖަރާއެކު ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނަ އަވަސްކޮށްފި
އަވަސް
1 ޑިސެމްބަރު 2025 | ހޯމަ | 7:00
ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ރާއްޖެ ގެނެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނަ ހަލުވިކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސޯޝަލްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދުނިޔޭގައި ހުރި އެންމެ ބޮޑެތި ދެ ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖަރުގެ ތެރެއިން ޖާން ޑެ ނަލް ކުންފުނީގެ "ކްރިސްޓޯބަލް ކޮލޯން" ޑްރެޖަރުން މިއަދު ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި ޑްރެޖަރު ރާއްޖެ ގެނެސް މަސައްކަތް ފެށުމާ އެކު ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް މިހާރަށް ވުރެ ތިން ގުނަ އަވަސްވާނެ ކަމަށެވެ. ރަސްމާލެ އަކީ ރާއްޖޭގައި ހިންގާ ތިމާވެއްޓާ ރައްޓެހި އެންމެ ބޮޑު މަޝްރޫއު ކަމަށްވެސް ރައީސް ވިދާޅުވި އެވެ. މައްޗަންގޮޅީގެ ރައްޔިތުންނާ މިދިޔަ ހަފްތާގެ ތެރޭގައި ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް ގެނައި ޑްރެޖަރާ އެކު ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ މާޗް ނުވަތަ އެޕްރީލް މަހަށް ނިމޭނެ ކަމަށެވެ. ރަސްމާލެއިން 25،000 ގޯތި ދޫކުރަން ނިންމާފައިވާއިރު ފުރަތަމަ ބުރުގައި ދޫކުރުމަށް ނިންމާފައިވަނީ 15،000 ގޯއްޗެވެ. ރަސްމާލެ ހިއްކުމަށްފަހު އެތަނުން ގޯތި ދޫކޮށް ފްލެޓް އިމާރާތް ކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. ރަސްމާލެ ހިއްކަން ފަށާފައިވަނީ ޑިސެމްބަރު 18، 2023 ގައެވެ.