އެކްސިޑެންޓުގައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދިޔައީ އިހުސާންގެ ކާރުކޮޅުގައި

އަވަސް

2 ޑިސެމްބަރު 2025 | އަންގާރަ | 12:52

ސިނަމާލެ ބްރިޖުގައި މިރެ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެމީހުން، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ ކާރުކޮޅުގައި ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ދެ ސައިކަލު ބުރިޖު މަތިން ޖެހި، އެކްސިޑެންޓް ހިނގި ކަމުގެ މައުލޫމާތު ލިބުނީ މިރޭ 6:35 ހާއިރު ކަމަށެވެ. އަނިޔާވީ ދެ ސައިކަލުގައި ތިބި ދެ ފިރިހެނުންނަށެވެ. އެމީހުންނަށް ފަރުވާ ދިނުމަށް ގެންދެވުނީ ހުޅުމާލެ ހޮސްޕިޓަލަށެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް މިނިސްޓަރު އިހްސާން އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށް ފުލުހުންވެސް މައުލޫމާތު ދީފައިވެ އެވެ. ފުލުހުން ބުނީ އެކްސިޑެންޓުގައި އެކެއްގެ މޫނުމަތި ފަޅައިގެން ގޮސްފައިވާ ކަމަށާއި ދެމީހުންގެ ގައިގެ އެކި ތަންތަން މަށައިގެން ގޮސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. އަދި ދެ މީހުންގެ ސައިކަލަށް ވެސް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ބުންޏެވެ. ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެންނަނީ ބްރިޖުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހަކު ކާރަށް އަރުވަން މިނިސްޓަރު އިހުސާން އިރުޝާދު ދެއްވާ މަންޒަރެވެ.

މައުޟޫޢުތަށް