ޗާލްސް އިންތިޒާމު ކުރެއްވި ހައި-ލެވެލް ބްރީފިންއެއްގައި ރައީސް ބައިވެރިވެވަޑައިގެންފި

އަވަސް

2 ޑިސެމްބަރު 2025 | އަންގާރަ | 9:27

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައިގެ އިސްނެންގެވުމުގެ ދަށުން އިންތިޒާމްކުރި "ހައި-ލެވެލް ބްރީފިން އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން" ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފި އެވެ.

މި ބައްދަލުވުން އިންތިޒާމުކޮށްފައިވަނީ ރަސްގެފާނު ޗާލްސް ތިންވަނަ އިސްނަންގަވައިގެން އުފައްދަވާފައިވާ ސަސްޓެއިނަބަލް މާކެޓްސް އިނޝިއޭޓިވް (އެސްއެމްއައި) އިންނެވެ. މި ބައްދަލުވުމުގައި ބައިނަލްއަގުވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި (އެމްޑީބީ) ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވި އެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ، ގައުމުތަކުން ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރުމުގައި އެމްޑީބީތައް މެދުވެރިކޮށް ޕްރައިވެޓް ފައިނޭންސް މޮބިލައިޒްކުމުގެ މަސައްކަތްތައް ހަލުވިކުރުމެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ "ޑެޓް-ފޮ-ކްލައިމެޓް" އަދި "ޑެޓް-ފޮ-ނޭޗާ" މަޝްރޫއުތައް ކުރިއެރުވުމަށާއި، ތިމާވެއްޓާ ރައްޓެހި ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އެއްބާރުލުން އިތުރުކުރުމާގުޅޭ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ. މިގޮތުން ދިވެހިރާއްޖެއަށާއި ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މާލީ އެހީތެރިކަމުގެ ބޭނުންތައް ފާހަގަކުރައްވާ، އެކަންކަމަށް ހައްލު ހޯދުމަށް މަގުފަހިކުރެވިދާނެ ގޮތްތަކެއް ރައީސް މުއިއްޒު ވަނީ ހުށަހަޅުއްވާފަ އެވެ. ރައީސް މުއިއްޒު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅަކީ އިނގިރޭސިވިލާތުގެ ރަސްގެފާނުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މައުޟޫޢުތަށް