ކުރުނބާ ފަނި ފުޅި ވިއްކާ ދެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އަވަސް
2 ޑިސެމްބަރު 2025 | އަންގާރަ | 10:14
ކުރުނބާ ފަނި ފުޅި ތައްޔާރުކުރަމުންދިޔަ ދެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
މި ދެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގަ އެވެ. ބިދޭސީން ދިރިއުޅެމުންދާ ތަނެއް ބަލައިފާސްކުރުމަށް ހިންގި މި އޮޕަރޭޝަންގައި އެ ދެ ބިދޭސީން އުޅޭ ތަން ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ކުރުނބާ އާއި ހުސްފުޅި ފެނިފައިވާ ކަމަށާއި މިތަނަކީ ކުރުނބާ އަދި ކުރުނބާ ފަނި ފުޅި ތައްޔާރުކޮށް ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ މަސައްކަތްކުރަމުންދާ ތަނެއްކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖޭގައި އުޅޭ ބިދޭސީން ގަވައިދާ ހިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވައި އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ. ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނެސް އެމީހުންނަށް އިހުމާލުވާ ފަރާތްތަކާ ދެކޮޅަށްވެސް ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ގެންދަނީ ބުނަމުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާއިރު މިހާތަނަށް 8،000 އަށް ވުރެ ގިނަ ބިދޭސީން މިވެރިކަމުގައި ޑީޕޯޓްކޮށްފައިވެ އެވެ.