ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ
އަވަސް
2 ޑިސެމްބަރު 2025 | އަންގާރަ | 12:04
ހުޅުމާލޭގެ ހުސްބިންތަކާއި މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަން ފަށަން ތައްޔާރުވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލޭގެ ހުސްބިންތަކާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ނެގުމުގެ މަސައްކަތް ކުރަމުންދާނެ އެވެ. އެގޮތުން މިމަހުގެ ހަ ވަނަ ދުވަހުން ފެށިގެން މިފަދަ އުޅަނދުތައް ޓޯ ކޮށް ފުލުހުން ކަނޑައަޅާ ތަނަކަށް އެފަދަ އުޅަނދުތައް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މިގޮތަށް ގެންދާ އުޅަނދުތައް ގެންދިއުމުގައާއި އެ އުޅަނދެއް ގެންދިއުމަށް ކަނޑައަޅާފައިވާ ތަނެއްގައި ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުން ޒިންމާ ނުވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ. އަދި ޓޯކުރެވޭ އުޅަނދުތައް ޓޯކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަންޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުން ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. އެހެންވެ، ހުޅުމާލޭގެ ހުސްބިންތަކާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިހުރި އުޅަނދުތައް މިމަހުގެ ފަސް ވަނަ ދުވަހުގެ ރޭ 11:30 ގެ ކުރިން ނެގުމަށް ފުލުހުން ވަނީ އެދިފަ އެވެ.