މިފްކޯގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި
އަވަސް
2 ޑިސެމްބަރު 2025 | އަންގާރަ | 1:32
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ އަހަރީ އާންމު ޖަލްސާ 2024 ބާއްވައިފި އެވެ.
މިފްކޯގެ ހެޑް އޮފީހުގައި ބޭއްވި މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މިފްކޯގެ އެކްޓިން ޗެއާމަން ޝިމާޒް އެވެ. މި ޖަލްސާގައި އޮޑިޓް އޮފީހާއި ޕީސީބީ އާއި ކުންފުނީގެ ޝެއާހޯލްޑަރުގެ ހައިސިއްޔަތުން ފިނޭންސް މިނިސްޓްރީގެ ފަރާތުން ބޭފުޅުން ތަމްސީލުކުރެއްވި އެވެ. އަދި މިފްކޯގެ ބޯޑު މެންބަރުންނާއި ކުންފުނީގެ އެކްސްކޯ މެންބަރުންނާއި ރީޖަނަލް މެނޭޖަރުން ބައިވެރިވެވަޑައިގެންނެވި އެވެ. މިފްކޯގެ އަހަރީ އާންމު ޖަލްސާ 2024 ގައި ވަނީ ފާއިތުވެދިޔަ އަހަރު ކުންފުނި ހިނގައިދިޔަ ގޮތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ދައްކާފަ އެވެ. އަދި ކުންފުނީގެ ކުރިމަގާ ގުޅޭގޮތުން ކުންފުނީގެ މިހާރުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ފަރުހަތު ޝަހީރާއި ކުންފުނީގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އިބްރާހީމް އާތިފް ޝަކޫރު ވަނީ ކުންފުނީގެ ކުރިމަގުގެ ރޭވުންތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިދެއްވާފަ އެވެ. މި ޖަލްސާގައި ނިންމި ކަންކަމުގެ ތެރޭގައި 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ފާސްކުރުމާއި، 2024 ވަނަ އަހަރު ކުންފުނީގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާން ފާސްކުރުން ހިމެނެ އެވެ. އަދި މި އަހަރަށް ކަނޑައަޅާ ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރުގެ ގޮތުގައި ޑެލޮއިޓް ޕާޓްނާސް ވަނީ ފާސްކޮށްފަ އެވެ. މިފްކޯއަށް މިދިޔަ އަހަރު މިފްކޯއަށް ފައިދާވެފައި ނުވާތީ، ޑިވިޑެންޑް ކަނޑަނޭޅުމަށް ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމަވާފަ އެވެ. އަދި އެ ނިންމުންވެސް އަހަރީ ޢާންމު ޖަލްސާގައި ފާސްކޮށްފަ އެވެ. މިފްކޯއަށް މިދިޔަ އަހަރު ދިމާވި މާލީ ގެއްލުމުގެ އަސްލަކީ ކުންފުނީގެ ވިޔަފާރިއަށް ބޭނުންވާ މައިގަނޑު ރޯމެޓީރިއަލްސް ކަމަށްވާ މަސް ނުލިބުން ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ. އެ ގޮތުން މިފްކޯގެ ތާރީހުގައިވެސް ނުފެންނަ ވަރަށް ރާއްޖޭގެ މަސްވެރިކަން ދަށްވުމާ ގުޅިގެން، 2024 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ކުންފުންޏަށް ލިބުނު މަހުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މިދިޔަ އަހަރު ކުންފުނީގެ އާމްދަނީ ދެ ބިލިއަން ރުފިޔާއިން އެއް ބިލިއަން ރުފިޔާއަށް ދަށަށް ދިޔަ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 933 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.