ދޮގު މައުލޫމާތު ފެތުރުން މަދުކުރަން ފޯރަމެއް ބާއްވައިފި

އަވަސް

2 ޑިސެމްބަރު 2025 | އަންގާރަ | 5:51

ގައުމީ ޔުނިވާސިޓީގެ ބެޗްލާ އޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ކޯހުގެ ދަރިވަރުންތަކެއް އިސްނަގައިގެން ކުރިއަށްގެންދާ "ނޯ ކެޕް ޖަސްޓް ފެކްޓްސް" ކެމްޕެއިންގެ ދަށުން ލިބޭ މައުލޫމާތުގެ ތެދު ދޮގު ކަށަވަރުކުރާނެ ގޮތްތައް ކިޔައިދިނުމުގެ ފޯރަމެއް އިއްޔެ ބާއްވައިފި އެވެ.

މި ފޯރަމް ޝަރަފުވެރިކޮށް ދެއްވީ ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ. ފޯރަމް ޝަރަފުވެރިކޮށް ދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ މި ފަދަ މުޖުތަމައުއެއްގައި "ނޯ ކެޕްސް ޖަސްޓް ފެކްޓްސް"ގެ ނަމުގައި ކެމްޕެއިނަކަށް އިސްނެގުމަކީ ރަނގަޅު ކަމެއް ކަމަށެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިހާރު ގިނަ ބަޔަކަށް ވާހަކައެއް ހިއްސާކޮށްލެވޭއިރު ހަގީގީ ހާދިސާއަކުން ލިބޭ ގެއްލުމަކަށްވުރެ ނޭނގި ފަތުރާ ދޮގު މައުލޫމާތުގެ ސަބަބުން ލިބޭ ގެއްލުންތައް ބޮޑުވެދާނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ. "ކުރިން އެއް ލައްކަ މީހުންނަށް ވާހަކަ ސްޕްރެޑް ކުރަން ނަގާ އެއް އަހަރުގެ ތެރޭގައި އޭގެ ހަގީގަތް ހާމަކުރުމަށާއި އެ މައުލޫމާތު ރަނގަޅުކުރުމަށާއި އެއަށް ޓެކުލް ކުރުމަށް ހަމަ އެބަ ލިބޭ އެއް އަހަރު ދުވަސް. މިހާރު ޓެކުލްކުރަން އޭނާ އެ މައުލޫމާތު ލިބޭއިރު އޮންނަނީ ސްޕްރެޑްވެފައި،" މިނިސްޓަރު ވިދާޅުވި އެވެ. ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް ފަހިވެފައި ވަނީ ރަނގަޅު ފުރުސަތެއްކަން ފާހަގަކުރައްވާ މިނިސްޓަރު އިހުސާން ވަނީ އެ ހައްގުގެ ބޭނުން ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް ބާރު އަޅުއްވާފަ އެވެ.

ފޯރަމްގައި އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްގެ ޑީން އާސިމް އަބްދުއްސައްތާރު ވިދާޅުވީ ދުނިޔޭގައި ކަންކަން ބަދަލުވާ ވަރަކަށް ޔުނިވާސިޓީތަކުގައި ކިޔަވައިދޭ ކޯސްތަކަށް ވެސް ބަދަލު އަންނަން ޖެހޭ ކަމަށާއި އެ ގޮތުން އެމްއެންޔޫގައި މީގެ ކުރިން ނޫސްވެރިން ތަމްރީނުކުރަމުން ދިޔަ ޖާނަލިޒަމް ކޯހަށް ބަދަލުތަކެއް ގެނެސް އަލަށް މި ފެށި މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ކޯހަކީ އެ އުސޫލުން ގެނައި ބަދަލެއް ކަމަށް ޑީން ވިދާޅުވި އެވެ. މާލޭގެ އެކި ސްކޫލުތަކާއި އެމްއެންޔޫގެ އެކި ކޯސްތަކުގެ ދަރިވަރުންނާއެކު 80 އެއްހާ ދަރިވަރުން ބައިވެރިވި މި ފޯރަމްގެ ތެރެއިން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ބައިވެރިވި ދާއިރާގެ ހަތަރު ތަޖުރިބާކާރުން ވަނީ ނޭނގި ފަތުރާ ދޮގު މައުލޫމާތާއި ގަސްތުގައި ފަތުރާ ދޮގު މައުލޫމާތުގެ ތަފާތާއި އެ ފަދަ މައުލޫމާތުތައް ދެނެ ގަންނާނެ ގޮތްތައް ބައިވެރިންނަށް ކިޔައިދީފަ އެވެ. ދޮޅު ގަޑިއިރަށް ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ބައިވެރިވީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭގެ) ގެ އެކްސްކޯ މެންބަރު މުހައްމަދު މާހިލް އާއި ވިމެން އިން ޓެކްގެ ފައުންޑާ އާއިޝާ އަދުނާން އާއި އެމްއެންޔޫގެ ވިޒިޓިން ލެކްޗަރާ އަހްމަދު އަފްރު ރަޝީދު އަދި އައިކޮމްގެ ކުރީގެ ލީގަލް ޑިރެކްޓަރު އާއިޝަތު އިޝާ އެވެ. ދޮގު މައުލޫމާތު ފެތުރުން މަދުކުރުމަށް ސްކޫލު ނިންމާ ދަރިވަރުންނާއި ކޮލެޖު/ޔުނިވާސިޓީތަކުގައި ކިޔަވަމުން އަންނަ ދަރިވަރުން ހޭލުންތެރިކުރުވުމަކީ މި ކެމްޕެއިނުގެ މައިގަނޑު މަގްސަދެވެ. މި ފޯރަމްގެ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވުނު ދަރިވަރަކަށް އިނާމެއްގެ ގޮތުގައި ލެޕްޓޮޕެއް ވަނީ ދީފަ އެވެ. އެ ލެޕްޓޮޕް ލިބުނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ގްރޭޑު 12 ގައި ކިޔަވަމުން އަންނަ ދަރިވަރު އައިޝަތު އަޒްހާ އަހުމަދަށެވެ.

މައުޟޫޢުތަށް