ރައީސް މުއިއްޒު މާލެ ވަޑައިގެންފި
އަވަސް
2 ޑިސެމްބަރު 2025 | އަންގާރަ | 5:59
އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު މާލެ ވަޑައިގެންފި އެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައިގެ އިސްނެންގެވުމުގެ ދަށުން އިންތިޒާމްކުރެވުނު "ހައި-ލެވެލް ބްރީފިން އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން" ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. މި ބައްދަލުވުމުގައި ބައިނަލްއަޤްވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި (އެމްޑީބީ) ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އިސްވެރީން ބައިވެރިވެވަޑައިގެން ދެމެހެއްޓެނިވި ތަރައްގީއަށާއި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަށްޓަކައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހަލުވިކުރުމާއިބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ. މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ "ޑެޓް-ފޮ-ކްލައިމެޓް" އަދި "ޑެޓް-ފޮ-ނޭޗާ" މަޝްރޫއު ކުރިއެރުވުމަށާއި، ތިމާވެއްޓާ ރައްޓެހި ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ މަރުކަޒުތަކުގެ އެއްބާރުލުން އިތުރުކުރުމާގުޅޭ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ. މިގޮތުން، ދިވެހިރާއްޖެއަށާއި ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މާލީ އެހީތެރިކަމުގެ ބޭނުންތައް ފާހަގަކުރައްވައި، އެކަންކަމަށް ހައްލު ހޯދުމަށް މަގުފަހިކުރެވިދާނެ ގޮތްތަކެއް ރައީސް ހުށަހެޅުއްވި އެވެ.