ޓެލެތޯނަށް ލިބުނު އެހީ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފި

އަވަސް

2 ޑިސެމްބަރު 2025 | އަންގާރަ | 6:13

ސްރީލަންކާއަށް އެހީވުމަށް ކުރިއަށް ގެންދިޔަ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ލިބުނު އަށް ލައްކަ ޑޮލަރު ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

ދައުލަތުގެ މީޑިއާ -- ޕީއެސްއެމް އިން އިސްނަގައިގެން ރާއްޖޭގެ މީޑިއާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ މި ޓެލެތޯނަށް ލިބުނު އެހީ ޕީއެސްއެމްގެ ފަރާތުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއާ ހަވާލުކޮށް ދެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން އެވެ. މި ޓެލެތޯނަށް ޖުމްލަ 800،352 ޑޮލަރު ލިބުނެވެ. ޓެލެތޯނަށް ލިބުނު އެހީއާ ހަވާލުވެ ވަޑައިގެން މިނިސްޓަރު ހަލީލް ވިދާޅުވީ ޓެލެތޯނަށް ލިބުނު އެހީ ރަސްމީކޮށް މިއަދު ލަންކާ ސަރުކާރާ ހަވާލުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. މި ޓެލެތޯނުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓި އެވެ. މީގެ އިތުރުން ހާއްސަ ބޭންކް އެކައުންޓެއް ހަމަޖެއްސި އެވެ. ޓެލެތޯނަށް އާންމުންގެ އިތުރުން ފުލުހުންނާއި ސިފައިންނާއި ސަރުކާރުގެ މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެހީވި އެވެ.

މައުޟޫޢުތަށް