އެންމެން ގުޅިގެން މަސައްކަތްކުރުން މުހިންމު: ސާޖިދާ

އަވަސް

2 ޑިސެމްބަރު 2025 | އަންގާރަ | 6:36

ގައުމަށް ގެނެވޭ އިސްލާހީ ފިޔަވަޅުތަކުގެ މަތީގައި ކުރިއަށްދިއުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުމަކީ މުހިންމުކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް ވަޒީފާގެ ލިޔުން ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސާޖިދާ ދެއްކެވި ވާހަކަފުޅުގައި ވަނީ ޝާމިލު މުޖުތަމައެއް ބިނާކުރުން ފަދަ ކަންކަމުގައި ގައުމަށް ގެނެވޭ އިސްލާހީ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ އެންމެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި ދިވެހީންގެ ކިބައިގައިވާ އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަމުގެ ސިފަތަކާއި ޝުޢޫރުތައް ހިތްމައްޗަށް ގެނެސް، އެ ގޮތުގައި ގައުމާއިގެން ކުރިއަށްދިއުމަކީ މުސްތަޤުބަލަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ވިދާޅުވި އެވެ. އަމިއްލަ މަސައްކަތުން އަމިއްލަ އަސާސީ ކަންކަން ފުއްދުމުގެ ޝަރަފުވެރި ފުރުޞަތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މުޅި ދިރިއުޅުމަށް ހެޔޮ ބަދަލަކާއި ހިތްހަމަޖެހުމެއް ގެނެސްދޭނެ ކަމެއް ކަމުގައި އެކަމަނާ ވިދާޅުވި އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ސަރުކާރުން އެފަދަ މީހުންނަށް ބައްލަވާ އިޙުސާންތެރި ނަޒަރާއި، އެ ފަރާތްތަކަށް ދެއްވާ ހާއްސަ އިސްކަން ފާހަގަކުރެއްވި އެވެ. މިއަދުގެ ރަސްމިއްޔާތުގައި ސާޖިދާ ވަނީ އެޗްޑީސީގެ ވަޒީފާއާ ގުޅިވަޑައިގެންނެވި، ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް ވަޒީފާގެ ލިޔުން ހަވާލުކޮށްދެއްވާފަ އެވެ. މި ރަސްމިއްޔާތުގައި ވަނީ އެޗްޑީސީގެ ވެބްސައިޓްގެ އެކްސެސިބިލިޓީ ފީޗާއެއް ކަމަށްވާ، އޭ.އައި ބޮޓް "މިތުރު" ތަޢާރަފުކުރައްވާފަ އެވެ. އެ ބޮޓް މެދުވެރިކޮށް ވެބްސައިޓްގެ ތަޖުރިބާ މުއްސަނދިވެ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، މައުލޫމާތު ހޯދުމަށް އިތުރަށް ފަސޭހަވެގެންދާނެ އެވެ.

މައުޟޫޢުތަށް