ޕްލާސްޓިކް ކުދި ފެންފުޅި މަނާކުރާ ތާރީހު ފަސްކޮށްފި

އަވަސް

2 ޑިސެމްބަރު 2025 | އަންގާރަ | 11:45

ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކް މަނާކުރުމުގެ ލިސްޓުގެ ދަށުން މަނާކުރާ 500 އެމްއެލްގެ ޕްލާސްޓިކް ފެން ފުޅި މަނާކުރާ ތާރީހު ފަސްކޮށްފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައަޅާ ގަރާރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްލާހު ގެންނެވީ އެންވަޔަރަމަންޓް އެންޑް ޓޫރިޒަމް މިނިސްޓްރީގެ ލަފާގެ މަތިންނެވެ. މިގޮތުން ބަދަލު ގެނެސްފައިވަނީ ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުން މަނާކުރުން ތަންފީޒުކުރުމަށް ކަނޑައަޅާފައި އޮތް ތާރީހަށާއި، އެތަކެތި ބާޒާރަށް ނެރުން މަނާކުރުން ތަންފީޒުކުރުމަށް ކަނޑައަޅާފައި އޮތް ތާރީހަށެވެ. މި އިސްލާހު ގެނައުމުގެ ކުރީން 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭގައި އުފެއްދުން މަނާކުރަން ފެށުމަށް ކަނޑައަޅާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހު އެވެ. އެހެންނަމަވެސް މި އިސްލާހާއެކު އެ ތާރީހު މިހާރު ވަނީ ޑިސެމްބަރު 1، 2027 އަށް ފަސްކޮށްފަ އެވެ. މި އިސްލާހު ގެނައުމުގެ ކުރީން މި ތަކެތި ބާޒާރަށް ނެރުން މަނާކުރުމަށް ނިންމަވާފައި ވަނީ މާޗް 1، 2026 ގަ އެވެ. އެހެންނަމަވެސް އިސްލާހާއެކު މި ތާރީހު ވަނީ ޖޫން 1، 2028 އަށް ފަސްކޮށްފަ އެވެ.

މައުޟޫޢުތަށް