ނުކުޅެދުންތެރިކަން ހުރި 350 މީހަކަށް ވަޒީފާ

އަވަސް

3 ޑިސެމްބަރު 2025 | ބުދަ | 9:57

މި ދައުރުގައި މިހާތަނަށް ނުކުޅެދުންތެރިކަން ހުރި 350 މީހަކަށް ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ދެއްވި މެސެޖުގައި މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަން އެންމެ ބޭނުންވާ އެއް ގިންތިއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށާއި އެ މީހުންގެ ހައްގުތައް ކަށަވަރުކޮށް އެ މީހުން ބާރުވެރިކުރުމަކީ އޯގާތެރި މުޖުތަމައުއެއް ގާއިމްކޮށް ހަރުދަނާ އާއިލާތަކެއް ބިނާކުރުމުގެ އެއް އަސާސް އަދި މި ސަރުކާރުގެ ވަރަށް މުހިއްމު އެއް އަމާޒު ކަމަށެވެ. "ފާއިތުވި ދެ އަހަރު އަޅުގަނޑުމެންނަށް މިކަމުގައި ހިއްސާވާ އެންމެހާ ފަރާތްތަކާއެކު ވަރަށް ގާތުން މަސައްކަތް ކުރުމުގެ ނަސީބު ލިބިއްޖެ. މިކަމުން އަޅުގަނޑުމެންނަށް ދަސްވި އެންމެ ބޮޑު އެއް ފިލާވަޅަކީ އެކުގައި ގުޅިގެން މަސައްކަތް ކުރުމުން ހާސިލް ކުރަން ބޭނުންވާ ނަތީޖާ މާފޮނިވެފައި ކާމިޔާބުކަން. އަޅުގަނޑު ޔަގީންކޮށް އަރުވަނީ ކުރިމަގުގައިވެސް މިގޮތުގައި މަސައްކަތް ކުރުމުގައި އަޅުގަނޑުމެން ދެމި ތިބޭނެކަން،" މިނިސްޓަރުގެ މެސެޖުގައި ވިދާޅުވި އެވެ. އެ ގޮތުން މި ދައުރުގައި މިހާތަނަށް ނުކުޅެދުންތެރިކަން ހުރި 350 މީހަކަށް ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށް ވިދާޅުވި އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިދުމަތް ދިނުމުގެ ފަސްމަގަށް ބަލާލާއިރު މުހިންމު ތިން ކަމެއް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެ އަދި ފަރުވާ ދެވޭނެ ހަރުދަނާ ނިޒާމެއްގެ ގާއިމްވެފައި އޮތުމަކީ މުހިންމު ކަމެއް ކަމަށާއި ސްކޫލް މަރުހަލާ ނިންމާ ގާބިލް ފަރާތްތަކަށް އާމްދަނީ ހޯދޭނެ ހަރުދަނާ ނިޒާމެއް ބޭނުންތެރިކަމާ އަދި މިފަރާތްތަކަށް ދިރިއުޅުމަށް ތަފާތު ހުނަރުތައް ލިއްބައިދޭން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ސިޔާސަތު ތަންފީޒު ކުރުމުގައި ގުޅުންހުރި މުހިއްމު ދާއިރާތައް ގުޅިގެން އެކުގައި މަސައްކަތްކުރުމަކީ ބޭނުންތެރި ކަމެއް ކަމުގައި ދެކޭ ކަމަށް މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވި އެވެ.

މައުޟޫޢުތަށް