ސައުދީގެ ވިޔަފާރި ވަފުދު ރައީސްއާ ބައްދަލުކުރައްވައިފި

އަވަސް

3 ޑިސެމްބަރު 2025 | ބުދަ | 7:40

ސައުދީ އަރަބިއްޔާގެ ވިޔަފާރި ވަފުދެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މި ވަފުދުގައި ސައުދީގެ މިނިސްޓްރީގެ އޮފް އިންވެސްޓްމަންޓްގެ ޑެޕިއުޓީ މިނިސްޓަރު ސާރާ އަލް ސައީދާއި ސަރުކާރުގެ ބައެއް އިސްވެރިންގެ އިތުރުން އެގައުމުގެ އަމިއްލަ ބައެއް ކުންފުނިތަކުގެ ބޭފުޅުން ހިމެނެ އެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުކުރެއްވުމަކީ ރައީސް މުއިއްޒު ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައޫދީއަށް ވަޑައިގެން އެ ގައުމުގެ ބޮޑުވަޒީރު އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދުއާއެކު ދެ ގައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތައް ފުޅާ ކުރެއްވުމާއި، ބެހޭގޮތުން ކުރެއްވި މަޝްވަރާތަކާ ގުޅިގެން ބޭއްވެވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުންތައް އިތުރަށް ބަދަހި ކުރެއްވުމަށް މަޝްވަރާ ކުރެއްވި ދާއިރާތަކުގެ ތެރޭގައި، އިންވެސްޓްމަންޓާ، އިގުތިސާދީ ތަރައްގީއާއި އަމިއްލަ ވިޔަފާރިތައް ތަރައްޤީކުރުމާއި، ދަނޑުވެރިކަމާ، މަސްވެރިކަމާ، އާޓިފިޝަލް އިންޓެލިޖެންސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ހިމެނެ އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ސައުދީ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީ ފާހަގަ ކުރައްވާ އޭގެ ސަބަބުން ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާތީ އެކަމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ. މީގެއިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތައް ނިންމެވުމަށް ވެދެއްވި އެހީތެރިކަމާއި އަދި އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެޤައުމުގެ މަތީ ފެންވަރުގެ ވަފުދެއް ފޮނުއްވި ކަމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ.

މައުޟޫޢުތަށް