ޖަނަވާރުންނާ ގުޅޭ ބިލް ތަސްދީގު ކުރައްވައިފި
އަވަސް
3 ޑިސެމްބަރު 2025 | ބުދަ | 6:00
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން މި ބިލް ފާސްކުރީ މިދިޔަ ނޮވެމްބަރު 19 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާ ގައެވެ. މި ގާނޫނުގައި ދިވެހިރާއްޖޭގައި ރައްކާތެރިކަމާއެކު ޖަނަވާރު ގެންގުޅުމާއި، ވިއްސައި އާލާކުރުމާއި، ވިޔަފާރިކުރުމުގެ ކަންކަން ކުރުމަށް މަގުފަހިކުރުމަށްޓަކައި، ޖަނަވާރު ގެންގުޅުމުގައާއި ބެލެހެއްޓުމުގައާއި ޖަނަވާރުގެ ސިއްހަތާ ގުޅޭ ކަންކަމުގައި އަމަލުކުރަންވީ ގޮތާއި، ޖަނަވާރަށާއި ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާއި ގުޅޭ އުސޫލުތަކާއި، ދިވެހިރާއްޖެއަށް ޖަނަވާރު އެތެރެކުރުމާއި އެއްތަނުން އަނެއްތަނަށް އުފުލުމާއި ދިވެހިރާއްޖެއިން ބޭރަށް ޖަނަވާރު ގެންދިޔުމުގެ އުސޫލުތަކާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާންކޮށްފައިވެ އެވެ. މި ގާނޫނު އެ މައްޗަށް ހިނގާ ޖަނަވާރުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމާ ގުޅޭ ސިޔާސަތުތައް ކަނޑައަޅައި، މި ގާނޫނު ތަންފީޒު ކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު ހަވާލުވެގެންވާ ފަރާތަކީ، ޖަނަވާރުގެ ސިއްހަތާ ގުޅޭ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު، އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ އެވެ. މިގޮތުން މި ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން މިނިސްޓްރީގެ މަސްއޫލިއްޔަތުތަކާއި، ކައުންސިލްތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ތަފްސީލީ ގޮތެއްގައި 11 ބާބުގެ މައްޗަށް އެކުލެވޭ މި ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. މި ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކުށްތަކާއި، ގާނޫނާ ޚިލާފުވާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތަކާއި އެޅޭ ފިޔަވަޅަކާ މެދު ހިތްހަމަނުޖެހޭ ހިނދެއްގައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތުތަކާއި އުސޫލުތައްވެސް ގާނޫނުގައި ހިމަނާފައިވެ އެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން 90 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ. މި ގާނޫނު މިއަދު ވަނީ ގެޒެޓްކޮށްފަ އެވެ.