"ޝާމިލު މުޖުތަމައަކަށް ހަމަހަމަ ފުރުސަތާއި އިގްތިސާދީ ބާރުވެރިކަން ބޭނުންވޭ"

އަވަސް

3 ޑިސެމްބަރު 2025 | ބުދަ | 8:00

ހަގީގީ މާނައިގައި ޝާމިލު މުޖުތަމައެއް ގާއިމުކުރެވޭނީ ހަމަހަމަ ފުރުސަތުތައް ފަހިކޮށްދީ، އިގްތިސާދީ ބާރުވެރިކަން ލިބިދީގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރާމާތާއި ހައްގުތައް ރައްކާތެރިކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތު ފާހަގަކުރައްވައި، ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ. އެމަނިކުފާނުގެ މެސެޖުގައި މި ގިޔަމުތައް މޫލާފައިވަނީ ކޮންމެ އިންސާނަކާ މެދުވެސް ކަރާމާތާއި ހަމަހަމަކަމާއެކު މުއާމަލާތް ކުރުމަށް ބާރުއަޅާ އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައިކަން ފާހަގަކުރެއްވި އެވެ. ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މި އަހަރުގެ ޝިއާރު ބިނާކޮށްފައިވަނީ، އިޖުތިމާއީ ކުރިއެރުން ހޯދުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލުވާ މުޖުތަމައުތައް ބިނާކުރުމުގެ މައްޗަށެވެ. މިކަމުން ރަމްޒުކޮށްދެނީ މުޖުތަމައުގެ ހުރިހާ ފަންތިއެއްގައިވެސް އެފަރާތްތައް ޝާމިލުކޮށް، އެކަމަކަށް އިޖާބަދޭ މުޖުތަމައެއް ބިނާކުރުމުގެ މުހިއްމުކަން ކަމުގައިވެސް ރައީސްގެ މެސެޖުގައި ވިދާޅުވި އެވެ. ސަރުކާރުގެ ސިޔާސަތުތައް ބިނާކޮށްފައިވަނީ ނުކުޅެދުންތެރިކަން ދުރާލާ ދެނެގަތުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމުގެ މައްޗަށްކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެ އެވެ. މިގޮތުން މި އަހަރު އެކަނިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 300 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ފަހިކޮށްދެވިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއީ އެފަރާތްތަކުގެ އިގްތިސާދީ ފުދުންތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ. މި މަސައްކަތުގައި ހުރި ގޮންޖެހުންތަކުގެ މައްޗަށް ބައްލަވާލައްވައި އެމަނިކުފާނު ވަނީ ހިދުމަތްތައް ހޯދުމާއި، އާންމު ތަންތަނަށް ވަދެނިކުމެ އުޅުމުގައި ހުރި ދަތިތަކާއި، މައުލޫމާތު ލިބިގަތުމުގައި ހުރި ހުރަސްތައް ނައްތާލުމަކީ، އިތުރު މަސައްކަތްތަކެއް ކުރުން މުހިއްމު ދާއިރާތަކެއްކަން ފާހަގަކުރައްވާފަ އެވެ. އަދި މިފަދަ ހުރަސްތައް ގިރާކޮށް، ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. ހަމައެއާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުން އުޖާލާކުރުމަށް މަސައްކަތްކުރާ އާއިލާތަކަށާއި، ޖަމިއްޔާތަކަށާއި، ދަރުމަވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރުއަދާކުރައްވާފަ އެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓު މެދުވެރިކުރައްވައި، އުނގެނުމުގައި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް މުދައްރިސުން ތަމްރީނުކުރުމުގެ ހާއްސަ ޕްރޮގްރާމެއް ފަށާފައިވާކަންވެސް ފާހަގަކުރައްވާފަ އެވެ. ހަމައެއާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ އެކްޝަން ޕްލޭނާ ގުޅޭގޮތުންވެސް ރައީސް ވާހަކަދެއްކެވި އެވެ. އަދި ކޮންމެ ފަރުދެއްގެވެސް ގާބިލްކަމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެފަދަ މުޖުތަމައެއް ބިނާކުރުމުގެ އަޒުމުގައި ހުންނެވި ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވި އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ގޮތުގައި ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ ތިންވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މަގުސަދަކީ މުޖުތަމައުގެ ހުރިހާ ދާއިރާއެއްގައިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކުރިއަރުވައި، އެފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމެވެ.

މައުޟޫޢުތަށް